ޚަބަރު

ރާއްޖެއާއި އިންޑިއާގެ ސަޤާފީ ހަރަކާތްތައް ދައްކުވައިދޭ ކުޑަކުދިންގެ ހަވީރެއް ގުޅީގައި ބާއްވައިފި


ރާއްޖެއާއި އިންޑިއާގެ ސަޤާފީ ހަރަކާތްތަށް ދިރުވައި އާލާކުރުމަށް ޚާއްޞަ ސަޤާފީ ހަވީރެއް ކ. ގުޅީގައި ބާއްވައިފިއެވެ.

އިންޑިއަން ކަލްޗަރަލް ސެންޓަރ، އައިސީސީ އަދި ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް، ފާއިމް ގުޅިގެން "ފްރެންޑްޝިޕް ފެމިލީ ކަލްޝަރަލް އީވްނިންގ"ގެ ނަމުގައި ކ. ގުޅީ ޕްރިމިއާ ބީޗް ގައި ބޭއްވި މި ހަވީރު ޝަރަފުވެރިކޮށްދެއްވީ އިންޑިއަން ކަލްޗަރަލް ސެންޓަރގެ ޑިރެކްޓަރ ޝިތަންޝޫއެވެ. ރާއްޖޭގެ ސަޤާފީ ބޮޑުބެރާއި، މާފަތި ނެށުމާއި، އިންޑިއާގެ ކަތަކް އަދި ކްލޭސިކަލް ޑާންސް އައިޓަމްތަކެއް މިހަވީރުގެ ތެރެއިން އާންމުންނަށް ވަނީ ދައްކާލާފައެވެ.

މި ސަޤާފީ ހަރަކާތުގެ މަޢުލޫމާތު މީޑިއާއާ ހިއްސާކުރައްވަމުން ފާއިމްގެ ރައީސް އަހުމަދު އަމްޖަދު ވިދާޅުވީ، ކ. ގުޅީގައި ކުރިއަށްގެންދިޔަ މިހަރަކާތަކީ، ދެ ޤައުމުގެ ސަޤާފީ ހަރަކާތަށް ދިރުވައި އާލާކުރުމަށް ފާއިމްއިންކުރާ މަސައްކަތުގެ ދަށުން މާލެ ނޫން އެހެން ރަށެއްގައި ބޭއްވި ފުރަތަމަ ހަރަކާތްކަމަށެވެ. މިއީ ސިލްސިލާކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތެއްކަމަށާއި، ކުރިއަށް އޮތްތަނުގައި މި ހަވީރު އިތުރަށް ފުޅާކޮށް ގިނަ ހަރަކާތްތަކެއް ހިމަނަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ހަވީރު ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުން. އެގޮތުން އެންމެ ފުރަތަމަ މި ފެށީ މާލެ ކައިރި ހިސާބުތަކުން. ދެން ކުރިއަށް އޮތްތަނުގައި އިތުރު ސަރަހައްދުތަކަށް މި ހަރަކާތް ފުޅާކުރާނަން. ޔޯގާ ކްލާސްތަށްވެސް މި ހަރަކާތުގެ ތެރެއިން އަޅުގަނޑުމެން ކުރިއަށްގެންދަން. އެއީ އާންމުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމަށްޓަކައި." އަޙްމަދު އަމްޖަދު ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ ތެރޭގައި "އޯލްޑް އިޒް ގޯލްޑް" މިއުޒިކް ޝޯގެ ނަމުގައި މިދިޔަ އަހަރު ފެށި ސީރީސްގެ އިތުރު ބައިތަކެއް ރާއްޖެތެރޭގެ އިތުރު ރަށްރަށުގައި ބާއްވާނެކަމަކަށް ފާއިމްއިން މައުލޫމާތުދެއެވެ. އިންޑިއާ އެމްބަސީންގެ ބެލުމުގެ ދަށުން ހަރަކާތްތެރިވާ ފާއިމްއާއި، އައިސީސީ ގުޅިގެން މިހާރުވެސް ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއަރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.