ޚަބަރު

ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ރާއްޖޭގައި ހަދަނީ


ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރަށް ސިއްޙީ ޚިދުމަތް ދިނުމަށް ޚާއްސަ ކްލިނިކެއް ޤާއިމުކުރުމަށް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރިއިން ގެޒެޓްކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ 7 ވަަނަ ދުވަހުން ޖަނަވާރުންނަށް ޚާއްޞަ ކްލިނިކެއްގެ ޚިދުމަތް ދޭން ފަށާނެކަމަށެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް މި ޚިދުމަށްދޭން ފެށުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ އިމާރާތެއްގައެވެ. މިނިސްޓްރީއިން ބުނެފައިވަނީ ކްލިނިކުން ޚިދުމަތްދޭނީ އެޕޮއިންޓްމަންޓް ދޫކޮށްގެންކަމަށެވެ. އަދި ކްލިނިކް ހުޅުވާފައި ހުންނާނެ ދުވަސްތަކާއި ގަޑިތައް އަދި އަގުތައް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢު ކުރާނެކަމަށެވެ.

ފިޝަރީޒް މިނިސްޓްރީއިން ބުނެފައިވަނީ މި ޚިދުމަތް ރާއްޖޭގައި ދިނުމަށް ނިންމާފައިވާނީ ޕެޓްގެ ގޮތުގައި ދޫންނާއި ބުޅާފަދަ ޖަނަވާރު ގެންގުޅޭ ފަރާތްތައް އިތުރުވަމުންދާތީއާއި، އެފަދަ ޖަނަވާރުތަކަށް ބޭނުންވާ ފަރުވާ ނުލިބުމުގެ ޝަކުވާ ލިބެމުންދާތީކަމަށެވެ.
މީގެކުރިން މިނިސްޓްރިއިން މި ޚިދުމަތް ދެމުންގެންދިޔައީ މޯބައިލް ވެޓެރިނަރީ ސަރވިސްގެ ނަމުގައި، ޕެޓް ޖަނަވާރު ގެންގުޅޭ ގޭގެއަށް ގޮސްގެންނެވެ. ނަމަވެސް އައްސިކުރުމާއި، ހޭނެއްތުމާއި، ތަފާތު ބޭސްތަކާއި، އެފަދަ ޖަނަވާރަށް ބޭނުންވާ އޮޕަރޭޝަންތައް ޢާއްމުން ދިރިއުޅޭ ތަންތާނުގައި ކުރުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާތީ ކްލިނިކެއް ހެދުމަށް ނިންމީކަމަށް މިނިސްޓްރީއިން ބުނެއެވެ.

ފިޝަރީޒް މިނިސްޓްރީއިން ބުނީ މި ޚިދުމަތުގެ ބެލެނިވެރި ފަރާތަކީ އެމިނިސްޓްރީ ކަމަށް ވީ ނަމަވެސް މި ޚިދުމަތް މިނިސްޓްރީގެ ހުއްދަ ނުނަގައި ބައެއް ފަރާތްތަކުން ދެމުންއަންނަކަން ފާހަގަވެފައިވާކަމަށާއި، މިއީ އެދެވިގެންވާ ކަމެއް ނޫންކަމަށެވެ.