ޚަބަރު

އެމްއާރުޑީސީގެ މުވައްޒަފުންނަށް ވަޒީފާގެ ޔަޤީންކަން ކަށަވަރުކޮށްދޭނަން - ޕްލޭނިންގ މިނިސްޓްރީ


މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއާރުޑީސީ)ގައި މަސައްކަތް ކުރި މުވައްޒަފުންނަށް ވަޒީފާގެ ޔަޤީންކަން ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓަރަކްޗަރ އިން ބުނެފިއެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން އެމްއާރްޑީސީ އުވާލާ، ހައުސިންގް މިނިސްޓްރީގެ ދަށަށް އެ މުޢައްޒަފުން ބަދަލުކޮށްފައިވަނީ މިއަހަރުގެ ކުރީ ކޮޅުގައެވެ.

މި އަހަރުގެ ޖެނުއަރީ މަހު އެމްއާރުޑީސީ އުވާލާ، ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަންގެ ދަށަށް އެމްއާރްޑީސީގައި މަސައްކަތް ކުރި 700 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބަދަލުކޮށްފައެވެ. އޭގެތެރޭގައި 400އަށްވުރެ ގިނަ ދިވެހި މުވައްޒަފުންނާއި ދުއިސައްތައަށްވުރެ ގިނަ ބިދޭސީ މުވައްޒަފުން ހިމެނޭކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްްޓަރަކްޗަރ އިން މަޢުލޫމާތުދެއެވެ.

އެމްއާރުޑީސީ އުވާލި މައްސަލައާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސް ސްޓަރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވި، އެމްއާރްޑީސީގެ ގިނަ މުވައްޒަފުން މަގުމަތިކޮށްލީ ކުރީގެ ސަރުކާރުން ކަމަށާއި، މި ސަރުކާރުން ޙަވާލުވިއިރު އެ މުޢައްޒަފުންނާއި ބެހޭގޮތުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަމަށެވެ. އެހެންކަމުން މިއަދާއި ހަމައަށް އެމްއާރްޑީސީގައި މަސައްކަތްކުރި މުޢައްޒަފުންތިބީ ވަޒީފާގެ ބިރުހީވެފައިކަމަށް އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ. އަދި އެމްއާރްޑީސީގެ މުވައްޒަފުންގެ ޝަކުވާތަކާ ގުޅިގެން ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ނެރުނު މެމޯއަކީ މުއައްޒަފުންނަށް އޮޅުވާލުމަށް ނެރުނު މެމޯއެއްކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"މުވައްޒަފުން ބަދަލުވެފައިވަނީ އެއް އަހަރު ދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ކަމުގައިވީ ނަމަވެސް މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން އިތުރު ތިން އަހަރު ދުވަހަށް އިތުރު ކުރުމަށް ސަރުކާރުން ނިންމިފައިވާކަން ހުރިހާ މުވައްޒަފުންނަށް ވަނީ އަންގާފައި. އެކަމަކު އެކަމުގެ އެއްވެސް އަމަލީ މަސައްކަތެއް ވޭތުވެ ދިޔަ ސަރުކާރުން ކޮއްފައެއްނުވޭ. މިއީ އެ މުޢައްޒަފުންނަށް ވީ ބޮޑު އަނިޔާއެއް." ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއާރުޑީސީ)ގައި މަސައްކަތް ކުރި މުޢައްޒަފުންނަށް ވަޒީފާގެ ޔަޤީންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ހުރިހާ މުވައްޒަފުންނަށް ގޮތެއް ހޯދައި ނުދެވުނު ނަމަވެސް ދިވެހި މުވައްޒަފުންނަށް ކޮންމެވެސް ގޮތެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާނެކަމަށެވެ.

"އަޅުގަނޑުމެން ވަރަށް މަސައްކަތްކުރަން ވީހާވެސް ގިނަ މުއައްޒަފުންގެ ޖޮބް ސެކްޔަރ ކޮއްދެވޭތޯ. ހުރިހާ މުވައްޒަފުންނަށް ގޮތެއް ހޯދައި ނުދެވުނު ނަމަވެސް ދިވެހި މުވައްޒަފުންނަށް ކޮންމެވެސް ގޮތެއް ހޯދައިދޭނަން. މިހާތަނަށް އެ މުއައްޒަފުންނަށް ލިބުނު ބޮޑު މުސާރަ ނުލިބުނަސް ސިވިލް ސަރވިސްއަށް ވައްދައިގެން މިކަން ކުރެވޭތޯ މިބަލަނީ." ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

ވަޒީފާގެ ޔަޤީންކަން ހޯދައިދޭން ކުރީ ސަރުކާރުގެ އިސް ވެރިންނާ މަޝްވަރާކޮށްފައިވާއިރު، މި ސަރުކާރުން މި މުޢައްޒަފުންނަށް ރަނގަޅު މަގެއް ފަހިކޮއްދޭނެކަމަށް އުންމީދުކުރާކަމަށް މި މުޢައްޒަފުންވަނީ ބުނެފައެވެ.