ޚަބަރު

ލޭ ގެންގުޅުމުގެ ނިޒާމު ހަރުދަނާކުރުމަށް "ބްލަޑް ޕޮލިސީ" އިފްތިތާޙްކޮށްފި


ތެލެސީމިއާ ކުދިންގެ ފަރުވާ އާއި ލޭ ގެންގުޅުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެކުލަވާލާފައިވާ ބްލަޑް ޕޮލިސީ އިފްތިތާޙްކޮށްފިއެވެ. މި ޕޮލިސީ އިފްތިތާޙްކޮށްދެއްވީ ޗަމްޕާ ސެންޓްރަލް ހޮޓަލްގައި އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން އެވެ.

ތެލެސީމިއާ ކުދިންގެ ފަރުވާ އާއި ލޭ ގެންގުޅުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އިފްތިތާހްކުރި ބްލަޑް ޕޮލިސީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ތެލެސީމިއާ ކުދިންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި މިއީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި އެހެނިހެން ފަރުވާތައް ފަސޭހަކަމާއިއެކު އެކުއްޖަކު ދިރިއުޅޭ ސަރަހައްދުތަކުން ލިބޭނެ ގޮތް ހަމަޖައްސައިދިނުމުގެ ވަޢުދުގެ ތެރެއިން އިފްތިތާޚް ކުރި ޕޮލިސީއެއްކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.

ބްލަޑް ޕޮލިސީ އިފްތިތާޙްކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރެވި އޭގެ ފައިދާ ތެލެސީމިއާ ހުންނަ ކުދިންގެ އާއިލާތަކާއި، އެފަދަ ކުދިން ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި ދިރިއުޅެމުން އަންނަ ކުދިންގެ ތެރެއިން 270 ކުދިންނަކީ ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދުމުގައި އެތަކެއް ތަކުލީފުތަކެއް އުފަލަމުން އައި ބައެއްކަން މިނިސްޓަރ ވަނީ ފާހަގަކޯށްފައެވެ.

"
"ރާއްޖޭގެ ބައެއް ހޮސްޕިޓާތަކައި ސިއްޙީ މަރުކަޒުތަކުގައި ލޭ ރައްކާކޮށް ތެލެސީމިއާ ކުދިންނަށް ޚިދުމަތް ދެމުން ދިޔަނަމަވެސް ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއަށް މިދާއިރާ ފުޅާކުރުން. ތެލެސީމިއާ ކުދިންނަށް އެހީވުމަށްޓަކައި ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސާ އަތޮޅުތަކަށް ބޭސް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ވަނީ ކޮށްފަ. ސިއްހީ ޚިދުމަތްދޭ ތަންތަން ޚާއްޞަކޮށް ހޮސްޕިޓާތަކާއި ސިއްޙީ މަރުކަޒުތަކުން މިކަމަށް ޒިންމާ ކުރެވި މި ފާރާތްތަކުގެ ބެލުމުގެ ދަށުން ބޭސް ފޮރުކޮށްދިނުމުގެ މަސައްކަތް ކުރާނެ."
ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން

ހެލްތް މިނިސްޓަރ ވިދާޅުވީ ތެލެސީމިއާ ބަލި ހުންނަ މީހުންނަށް ބޭނުންވާ ބޭހާއި އެހެނިހެން ފަރުވާ އެމީހަކު ދިރިއުޅޭ ސަރަހައްދަކުން ފަސޭހަކަމާއިއެކު ދާއިމީ ގޮތެއްގައި ލިބެންޖެހޭ ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ ތެލެސީމިއާ ކުދިންނަކީ ސަރުކާރުގެ އޯގާތެރިކަމާއި އަޅާލުން އެންމެ މަތީ ދަރަޖައަށް ލިބޭނެ ބައެއްގޮތަށް ހެދުންކަމަށެވެ. އަލަށް އިފްތިތާޙްކުރި ބްލަޑް ޕޮލިސީގެ ސަބަބުން މުސްތަޤްބަލުގައި ތެލެސީމިއާ ބަލި ހުންނަ މީހުންނަށް ލުއިފަސޭހަ ވެގެންދާނެކަމަށާއި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ލޭ ރައްކާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާޓުގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ މަންދޫބު ޑރ. އަރުވަންދު މާތޫރް ވިދާޅުވީ ތެލެސީމިއާ ބަލި މީހުންގެ ފަރުވާއާއި ލޭ ގެންގުޅުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އިފްތިތާޙްކުރި ބްލަޑް ޕޮލިސީ އަކީ ރާއްޖެއަށް މުހިއްމު ޕޮލިސީއެއްކަމަށެވެ.

އަލަށް އެކުލަވާލި ޤައުމީ ބްލަޑް ޕޮލިސީއަކީ ރާއްކާތެރި ލޭ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމާއި، ލޭ އެޅުމުގެ ޚިދުމަތް ތަރައްޤީ ކުރުމަށް އެކުލަވާލި ޕޮލިސީއެކެވެ. މީގެ އިތުރުން މިކަމަށްޓަކައި ބެނުންވާ ޓެކްނޮލޮޖީއާއި ވަސީލަތްތައް ފޯރުކޮށްދިނުމާއި ހިލޭ ސާބަހަށް ލޭ ހަދިޔާކުރާމިހުންގެ ނިސްބަތް އިތުރު ކުރުމަށް އެކުލަވާލި ޕޮލިސީއެކެވެ.