މިއަހަރުގެ ނޮވެމްބަރ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 78 މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ނޮވެމްބަރ މަހުގެ ތެރޭގައި ޖުމްލަ 166 މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ 78 މައްސަލަ ހުށަހަޅާފައިވާއިރު، މިއީ ނޮވެމްބަރު މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ 47 އިންސައްތައެވެ. ޖެންޑަރ މިނިސްޓްރީން ބުނީ މީގެ ތެރޭގައި ގިނައީ ކުޑަކުންދިންނާމެދު އިހުމާލުވުމުގެ މައްސަލަތައްކަމަށެވެ.
ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޖިންސީ ހާނިކައިގެ 21 މައްސަލައާއި، ޖިސްމާނީ ހާނިކައިގެ 14 މައްސަލައާއި، ނަފްސާނީ ހާނިކައިގެ 11 މައްސަލައެއް ހުށަހަޅާފައިވާއިރު ގަނާކުރުމުގެ 7 މައްސަލަ ހުށަހަޅާފައިވައިވެއެވެ.
މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 27 މައްސަލައާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 10 މައްސަލަ މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ. މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
ޖެންޑަރ މިނިސްޓްރީން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުން އެ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހެޅެނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ.