ޚަބަރު

ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކައުންސިލްތައް ބާރުވެރިކޮށް ތައްޔާރީ ޙާލަތަށް ގެނައުން މުހިންމު- އެމްއާރުސީ


ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކައުންސިލްތައް ބާރުވެރިކޮށް ތައްޔާރީ ޙާލަތަށް ގެނައުން މުހިންމުކަމަށް ދިވެހި ރެޑް ކްރެސެންޓްގެ ސެކްޓްރީ ޖެނެރަލް އައިޝަތު ނޫރާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ނުރާ ވިދާޅުވީ، ދިވެހިންނަކީ އެއްބައިވަންތަކަމުގެ ނަމޫނާ ދައްކަމުންދާ ލާމަސީލު ބައެއްކަމަށާ، 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ދިވެހިން ދައްކުވައިދިނީ އެކަމުން މުޅި ދުނިޔެ މިސާލު ލިބިގަންނަންޖެހޭ ވަރުގެ ލާމަސީލު މިސާލެއްކަމަށެވެ.

ނޫރާ ވިދާޅުވީ، 2004 ވަނަ އަހަރުގެ މިކާރިޘާގައި ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީއަށް ބަރޯސާވުމަށް ދިވެހިންނަށް މަޖުބޫރުވެގެން ދިޔަކަމަށެވެ. އެހެންކަމުން މީގެ ބަދަލުގައި މިފަދަ ކުއްލި ޙާލަތެއްގައި ދިމާވާ ކަންތައްތަކަށް ފުރިހަމައަށް ތައްޔާރުވެ ތިބެވިއްޖެނަމަ މިފަދަ ކާރިޘާތަކުން ކުރާ އަސަރު ކުޑަކުރެވޭނެކަން ނޫރާ ފާހަގަކުރެއްވިއެވެ. އެގޮތުން ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކައުންސިލްތައް ބާރުވެރިކޮށް ތައްޔާރީ ޙާލަތަށް ގެނައުމަކީ މުހިންމުކަމެއްކަން ނޫރާ ފާހަގަކުރެއްވިއެވެ.

"މިފަދަ ދަނޑިވަޅަކަށް އަޅުގަނޑުމެން ތައްޔާރުވުން މުހިންމު. ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކައުންސިލްތަށް ބާރުވެރިކޮށް ތައްޔާރީ ޙާލަތަށް ގެނައުން ވަރަށްވެސް މުހިންމު." ނޫރާ ވިދާޅުވިއެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް އެރި ސުނާމީގެ ބިޔަ ރާޅުތަކަކީ ދިވެހި އެތައް އާއިލާއެއްގެ ދިރިއުޅުން މުޅިން ސުއްނާފަތިކޮށްލި ރާޅުތަކެކެވެ. މި ކާރިޘާގައި ދިވެހިންގެ ތެރެއިން 82 މީހަކު މަރުވެ، 26 މީހަކު ވަނީ ގެއްލިފައެވެ.