ޚަބަރު

މާފަރު އެއަރޕޯޓްގެ މަސައްކަތްތަކާ ގުޅޭ މަޝްވަރާއަށް މިނިސްޓަރ ނަހުލާ އަބޫދާބީއަށް


މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތްތައް ކުރަމުންދާ ކުންފުންޏާ ބައްދަލުކޮށް އެ އެއަރޕޯޓުގެ މަސައްކަތްތަކާ ގުޅޭ ތަފްސީލް އޮޅުންފިލުއްވުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތް ނަހުލާ މިރޭ އަބޫދާބީއަށް ވަޑައިގަންނަވާނެއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނުނިމި ހުރި މަސައްކަތްތަކާއި، އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމާ ގުޅޭގޮތުން، އެއަރޕޯޓްގެ މަސައްކަތްކުރާ އަބޫދާބީ ކުންފުނީގެ އިސްވެރިންނާއެކު މަޝްވަރާ ކުރައްވާނެއެވެ. އަދި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި އިތުރު ދާއިރާތަކުން ރާއްޖެއަށް އެހީ ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަބޫދާބީ ފަންޑުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މާފަރުގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް ތަރައްޤީކުރުުމުގެ މަސައްކަތް ފަށާފައިވާއިރު، އެއަރޕޯޓްގައި 2.2 ކިލޯމީޓަރުގެ ރަންވޭއެއް އެޅުމުގެ މަސައްކަތް މިހާރުވަނީ ނިންމާފައެވެ.

މިދިޔަ އޮގަސްޓްމަހުވަނީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވައި ޓެސްޓް ފްލައިޓްވެސް ޖައްސާފައެވެ. ރަންވޭ ތަރައްޤީކޮށްފައިވަނީ ދުނިޔޭގައި އުދުހުންތަކުގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާ ބޯޓް، A380 މަރުކާގެ ބޯޓުތައްވެސް ޖެއްސޭ ފެންވަރަށެއްވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަހަރުގެ ފަހުކޮޅު ވިޔަފާރި ދަތުރުތައް ފަށަން ނިންމިނަމަވެސް އެއަރޕޯޓްގެ ބައެއް މަސައްކަތް ނިމިފައިނުވާތީ، ދަތުރުތައްވަނީ ފެށޭގޮތް ނުވެފައެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓާއެކު އަބޫދާބީ ފަންޑުން ޚަރަދުކޮށްގެން މާފަރުގައި ސިޓީ ހޮޓާ ތަރައްޤީކުރުމަށްވެސްވަނީ ހިމަނާފައެވެ. އެއަރޕޯޓްގެ ޚަރަދުތައް ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ މި ސިޓީ ހޮޓަލުން ހޯދާ އާމްދަނީއިނެވެ.