ޚަބަރު

މަސްތުވާތަކެއްޗާ ދެކޮޅަށް ކުއްތާ ބޭނުންކޮށްގެން ޚާއްސަ އޮޕަރޭޝަނެއް ފަށަނީ


މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވުމަށް، ކުއްތާ ބޭނުންކޮށްގެން ޚާއްސަ އޮޕަރޭޝަނެއް ފެށުމަށް ފުލުހުން ތައްޔާރުވެއްޖެއެވެ. މި އޮޕަރޭޝަން މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މާލެއާއި، ހުޅުމާލެއާއި ވިލިމާލޭގެ އިތުރުން މާލެ ކައިރި ރަށްރަށުގައިވެސް މި އޮޕަރޭޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ އައު އަހަރާއި ދިމާކޮށް މާލެއާއި މާލެ ސަރަޙައްދުގެ ރަށްތަކުގައި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވައި، އަމާން ރައްކާތެރި މާޙައުލެއް ޤާއިމުކުރުމުގެ ގޮތުން ފެށުމަށް ނިންމި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަންގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިތުރުން ފުލުހުންގެ އޮޕަރޭޝަނަލް ހުރިހާ ޑިޕާޓްމަންޓަކުންނާއި، މޯލްޑިވްސް ކަސްޓަމްސްއިންވެސް ބައިވެރިވާނެއެވެ. ފާރަގެމަ ނުވަތަ ކުއްތާ ބޭނުންކޮށްގެން މީގެކުރިންވެސް އެކި އޮޕަރޭޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް، އެކަމުން ސަލާމަތްވުމަށް އެހީތެރިވެދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައިވެސް ހިމަނާފައިވެއެވެ. އެގޮތުން ޑްރަގްގެ ވަބާއިން ސަލާމަތްވުން ބޭނުންވަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެފަދަ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެކަމުން ސަލާމަތްވުމުގައި އެހީތެރިކަން ދިނުމަށް ޚާއްސަ ނެޓްވަރކެއް ޤާއިމުކުރުމާއި، މާލެ ނޫން ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކުރުމަށްވެސްވަނީ ނިންމާފައެވެ.