ޚަބަރު

"ހެލްޕް ޔަމަން މޯލްޑިވްސް" ކެމްޕެއިންގެ އެހީގެ ސާމާނު ޔަމަނުގެ ރެފިއުޖީންނަށް ފޯރުކޮށްދޭން ފަށައިފި


އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ކުރިއަށްގެންދިޔަ "ހެލްޕް ޔަމަން މޯލްޑިވްސް" ކެމްޕެއިނަށް ލިބުނު ފައިސާއިން ޔަމަނުގައި ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް އެހީގެ ސާމާނު ފޯރުކޮށްދޭން ފަށައިފިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމްޢިއްޔާއެއްކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީން އިސްނަގައިގެން ޔަމަނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޚާއްޞަ ކެމްޕޭނެއް ފަށާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 21 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ވައިސް ޗެއަރމަން ނާއިފް ވިދާޅުވީ، "ހެލްޕް ޔަމަން މޯލްޑިވްސް" ކެމްޕެއިންގެ ދަށުން އެއްކުރި ފައިސާއިން ޔަމަނުގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީގެ ސާމާނު ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. މި އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތުރުކީގެ އީހާހާ ޖަމްޢިއްޔާގެ އެހީއާއެކު ހަކުރާއި، ފުށާއި، ހަނޑޫ، ކެއްކުމަށް ބޭނުންކުރާ ތެލާއި، ދަޅުމަސް ފަދަ ކާނާ ފޯރުކޮށްދީފައިވާކަމަށް ނާއިފް ވިދާޅުވިއެވެ. އެގޮތުން މި އެހީ ޔަމަނުގެ އަލް ޖައުފް އަވަށުގައި ޤާއިމުކޮށްފައިހުރި ރެފިއުޖީ ކޭމްޕްގައި ބަހަން ފަށާފައިވާކަމަށްވެސް އައިއޭސީއިން މަޢުލޫމާތުދެއެވެ.

"ހެލްޕް ޔަމަން މޯލްޑިވްސް" ކެމްޕޭނަށް ފައިސާ އެއްކުރުމަށް، އެހީތެރިވުމަށް ރާއްޖޭގެ އެކި ރަށްރަށުގެ ޖަމްޢިއްޔާތަކާއި އެހީދޭ އެކި ފަރާތްތައްގުޅިގެން ރަށުފެންވަރުގައިވެސް އެކި ޙަރަކާތްތައް ދަނީ ހިންގަމުންނެވެ. "ހެލްޕް ޔަމަން މޯލްޑިވްސް" ފަންޑަށް ފައިސާ އެއްކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ކާބޯތަކެތި ވިއްކުމާއި، ވެހިކަލް ދޮވެދިނުމާއި، ޖަމްބަލް ސޭލްފަދަ ހަރަކާތްތައް ހިމެނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެމުންދާ ތަރުޙީބަށް ބެލުމަށްފަހު މިހާރު މި ކެމްޕޭންގެ މުއްދަތު ވަނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނަކީ 2016 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހެމުންދާ ފަރާތްތަކަށް އެހީވުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން ވަނީ މީގެކުރިންވެސް ސޫރިޔާއާއި، މިޔަންމާއާއި ޣައްޒާ ފަދަ ސަރަހައްދުތަކުގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީ ހޯދުމަށް ތަފާތު ހަރަކާތްތައް ހިންގައި، އެ ޤައުމުތަކުގައިތިބި ހާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.