ޚަބަރު

ހުޅުމާލޭ ހޭޅިފަށާއި ގޮޑުދޮށުގައި ކުރަމުންދާ ވިޔަފާރިތައް ނެގުމަށް އަންގައިފި


ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށުގައި ވިޔަފާރިއަށް ބޭނުންކުރަމުންދާ ބިންތައް އަންނަ މަހުގެ އެއްތިރީހުގެ ކުރިން ހުސްކުރުމަށް އެޗްޑީސީއިން އަންގައިފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޑިސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެސަރަޙައްދުގައި އިމާރާތެއް ހެދުމަށް ނުވަތަ ވިޔަފާރީގެ ބޭނުމަކަށް އެއްވެސް ބިމެއް ދޫކޮށްފައި ނުވާނެކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ފަހުން އެ ސަރަޙައްދުގައި ވިޔަފާރީގެ މަސައްކަތްތައް ކުރާނަމަ ކަމާބެހޭ އިދާރާތަކަށް ހުށައަޅައިގެން އެފަރާތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ.

އެޗްޑީސީގެ ބަޔާނުގައި ބުނެފައިވަނީ އަންނަ މަހުގެ އެއްތިރީހުގެ ނިޔަލަށް ބިންތައް ހުސްނުކޮށްފިނަމަ، އެ ކޯޕަރޭޝަނުން އެ ސަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާއިރު އެ ސަރަޙައްދުގައި ބަހައްޓާފައިވާ އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

ހުޅުމާލެ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށުން ގަސްތައް ކޮށާ، ހަޓު، ގޮނޑި އަދި މޭޒު ބަހައްޓައިގެން، ރެސްޓޯރަންޓާއި ކެފޭތަކާއި، ގާޑިއާއާއި އަދި މޫދުކުޅިވަރުގެ ވިޔަފާރިތައް ގެންދަނީ ކުރަމުންނެވެ.

އެޗްޑިސީއިން ބުނެފައިވަނީ ހުޅުމާލެ އިރުމަތީ ފަރާތަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި، ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ބޭނުންތަކަށް ވަކި ގޮތަކަށް ތަރައްޤިކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދެއްކަމަށެވެ. އަދި މި ސަރަޙައްދު ތަރައްްގީކުރާނެގޮތުގެ އުސޫލެއް ވަރަށް އަވަހަށް އެކުލާވާލާ ޢާއްމު ކުުރުމަށް ނިންމާފައިވާކަމަށްވެސް އެޗްޑިސީން ބުނެއެވެ. މި އުސޫލުުގެ ދަށުން އެ ސަރަޙައްދުން މިހާރުވެސް ލިބެމުންދާ ޚިދުމަތްތައް ލިބޭނެފަދަ ގޮތަކަށް ފަރުމާކުރާނެކަމަށްވެސް އެ ކޯޕަރޭޝަނުންވަނީ ބުނެފައެވެ.

ހުޅުމާލޭގެ ބީޗް ސަރަޙައްދުގައި ކެފޭތައް ހިންގަނީ ޤަވާއިދާ ޚިލާފަށްކަމަށްވާތީ، އެ ސަރަޙައްދު އާއްމުންނަށް ފަސޭހައިން ބޭނުންކުރެވޭނެގޮތް ހެދުމަށް އިކޮނޮމިކް މިނިސްޓްރީންވެސް ވަނީ އެޗްޑީސީއަށް އިލްތިމާސްކޮށްފައެވެ.

އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޟް އިސްމާޢީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުޅުމާލޭ ބީޗްގައި ހިންގާ ކެފޭތަކަކީ އެޗްޑީސީގެ ހުއްދަނެތި ހިންގަމުންދާ ކެފޭތަކެއްކަން އެ މިނިސްޓްރީން ބެލި ބެލުމުން އެނގިފައިވާކަމަށާ، އެހެންކަމުން 31 ޖެނުއަރީ 2019 ގެ ކުރިން ހުޅުމާލޭ ބީޗް ސަރަޙައްދު އާއްމު ރައްޔިތުންނަށް ފުރިހަމަގޮތުގައި ބޭނުންކުރެވޭނެގޮތަށް އިންތިޒާމްކުރުމަށް އެޗްޑީސީއަށް މިހާރު އިލްތިމާސްކޮށްފައިވާކަމަށެވެ.