ޚަބަރު

ޓެކްސީތަކުން ނަގާ އަގު ކަނޑައެޅުމަށް މަޝްވަރާކުރަން ނިންމައިފި


ޓެކްސީގެ އަގުތަކާ ގުޅޭގޮތުން ޑްރައިވަރުންނާއި، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރުމަށްފަހު އަގުތައް އަލުން މުރާޖާ ކުރުމަށް މިނިސްޓްރީ އޮފް ޓްރާނސްޕޯޓްް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީންވަނީ ޤަވާއިދާ ޚިލާފަށް އަގު ނަގާ ޓެކްސީތަކާމެދު ފިޔަވަޅު އެޅުމަށް ނިންމާފައެވެ. ނަމަވެސް ގިނަ ޓެކްސީ ޑްރައިވަރުންތަކެއް މިކަމާ ނުރުހުން ފާޅުކޮށް އިހްތިޖާޖު ކުރަމުންދާތީ، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޤަވާއިދާ ޚިލާފަށް ޓެކްސީ ދަތުރުތަކުން އަގު ނަގާ ޑްރައިވަރުންނާމެދު ފިޔަވަޅު އެޅުން ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ މިގޮތަށް ނިންމީ، ކުރީ ސަރުކާރުން ޓްރާންސްޕޯޓް އޮތޯރިޓީން، ޓެކްސީ ދަތުރުތަކަށް ނަގާ އަގު ކަނޑައަޅާފައިވަނީ ކަމާ ގުޅުންހުރި އިދާރާތަކާއި މަޝްވަރާ ނުކޮށް ކަމުން އެކަން ބަލައި މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމުމަށް ކަމަށެވެ.

ހުޅުލެއާއި މާލެއާއި ދެމެދު ކުރާ ޓެކްސީ ދަތުރުތަކަށް 35ރުފިޔާ ކަނޑައލާފައިވާއިރު، މާލެއާއި ހުޅުމާލެއާއި ދެމެދު ކުރާ ޓެކްސީ ދަތުރުތަކަށް ކަނޑައަޅާފައިވަނީ 40 ރުފިޔާއެވެ.

މި އަގުތަކާމެދު ނުރުހުންފާޅުކޮށް ޓެކްސީ ޑްރައިވަރުންވަނީ ޓްރާންސްޕޯޓް މިނިސްޓަރަށް އެމީހުންގެ ޝަކުވާތައް ހުށައަޅާއިފައެވެ. މިނިސްޓްރީއިން ބުނެފައިވަނީ، މިހާރު ކަނޑައޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގެއް ނޫންކަމަށާއި، ކަމާއި ގުޅުންހުރި އިދާރާތަކާއި ޓެކްސީ ޑްރައިވަރުންނާ މަޝްވަރާކޮށް ޚިޔާލު ހޯދުމަށްފަހު އަގުތައް ކަނޑައެޅުމަށް ޑްރައިވަރުން އެދިފައިވާކަމަށެވެ.

މިނިސްޓްރީއިންވަނީ އަގުތަކާއި ގުޅޭގޮތުން ޑްރައިވަރނުންނާއި އާއްމުންގެ ޚިޔާލު ހޯދުމަށް ފޯރަމެއް ބޭއްވުމަށްވެސް ނިންމާފައެވެ. މި ފޯރަމް ބޭއްވުމަށް ވަކި ތާރީޚެއް ކަނޑައަޅާފައި ނުވިނަމަވެސް، ވީހާވެސް އަވަހަށް ފޯރަމް ބޭއްވުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީއިން ބުނެއެވެ.