ޓެކްސީތައް ޖޫރިމަނާކުރުމުގެ ކުރިން ފިޔަވަޅު އަޅަންޖެހޭނީ ގަރާޖެއް ނެތި ޓެކްސީތައް ރަޖިސްޓްރީކުރަން ހުއްދަދިން ފަރާތްތަކާމެދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނާއިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު މިހެން ވިދާޅުވީ ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީ ކުރާއިރު އެ އުޅަނދެއް ޕާކް ކުރާނެ ގަރާޖެއް ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް އޮތް ގަވާއިދާ ޚިލާފަށް ޕާކް ކުރަމުންދާ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނެކަން ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރެއްވުމާ ގުޅިގެންނެވެ.
މިކަމާއި ގުޅިގެން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެކްސީތައް ރަޖިސްޓްރީކޮށްދެނީ އެތައްހާސް ރުފިޔާ ދީގެން ގަރާޖެއްގެ ލިޔުމެއް ހޯދައިގެން ކަމަށާއި، ޕާކް ކުރާ ޓެކްސީތަކާމެދު ފިޔަވަޅު އެޅުމުގެ ކުރިން އެފަރާތްތަކަށް ހުއްދަދިން ސަރުކާރުގެ އިދާރާގެ ވެރިންނާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ޓްރާންސްޕޯޓުގެ ގަވާއިދުގައިވާ ގޮތުން ހަތަރު ފުރޮޅުލީ އުޅަނދުތައް މާލޭ ޒޯނަށް ރަޖިސްޓްރީ ކޮށްދެވޭނީ ޕާކު ކުރުމަށް ހަމަޖެހިފައިވާ ގަރާޖެއް ދެއްކުމުން އެ އިދާރާއިން އެތަން ބެލުމަށްފަހުއެވެ. އެހެން ނަމަވެސް މީގެ ކުރީގެ ސަރުކާރުތަކުގައި ވަނީ އެއް ގަރާޖަކަށް އެތައް ބައިވަރު އުޅަނދެއް ރަޖިސްޓްރީ ކުރެވިފައެވެ.
މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ޓްރާންސްޕޯޓު މިނިސްޓްރީން ދަނީ މާލެ ސަރަހައްދުގެ ޓްރެފިކަށް ހައްލެއް ގެނެސް ޕާކު ކުރުމުގައި އަމަލު ކުރާ އުސޫލުގެ އިތުރުން ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްގެން ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.