ނޮވެމްބަރ މަހުން ފެށިގެން ރާއްޖޭގައި ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުން އަދިވެސް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ބޭރަށް ހިނގާ ހޮޑުލެވޭތީ ވޭތުވެ ދިޔަ ދެހަފްތާތެރޭ 3000 ހަށްވުރެ ގިނަ މީހުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި ޢަދަދަކީ މިދިޔަ އަހަރާ އަޅާބަލައިރު އިތުރު ޢަދަދެއްކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.
ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ ރިޕޯޓުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެމުންންދިޔަ ނަމަވެސް އެންމެ ގިނައިން ރިޕޯޓްކުރަމުންދަނީ މާލެ، ހުޅުމާލެ، ހދ، ބ އަދި ލ އަތޮޅުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. މި ދުވަސްވަރަކީ ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރު ކަމުން ދަތުރުކުރުމާއި އެއްވެ އުޅުން ގިނަ ދުވަސްކޮޅެއްކަމުން މިފަދަ ބަލިތައް ފެތުރެން ފުރުސަތު ބޮޑުކަމުގައިވާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
އެގޮތުން ސާފުތާހިތު ކަމަށް ސަމާލުކަންދިނުމާއި ޑޮކްޓަރަށް ދައްކަން ދިއުމުގައި ވީހާވެސް މަދުން މީހުން ހޮސްޕިޓަލްއަށް ދިއުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި މަދިރި އުފެދޭ ތަންތައް ނައްތާލާ ކުރިއާލާ ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.