ޚަބަރު

މާލޭގައި ގެ ކުއްޔައްހިފައިގެން ބިދޭސީން ގަވައިދާ ޙިލާފަށް ވިޔަފާރި ކުރާ މައްސަލަ ބަލަނީ


މާލޭގައި ގެ ކުއްޔަށް ހިފައިގެން ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ބަލަމުންދާކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ، މާލޭގައި ގެ ކުއްޔަށް ހިފައިގެން، ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ވިޔަފާރިއާއި، ކާން ދިނުމާއި ކާބޯތަކެތީގެ ޕާރުސަލް ބަހަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ބައެއް ބިދޭސީން މާލެއިން ގެ ކުއްޔަށް ހިފައިގެން ދުވަހު ކުއްޔަށާއި އެނޫންވެސް ގޮތްގޮތަށް ކޮޓަރިތައް ކުއްޔަށްދިނުމުގެ ވިޔަފާރިވެސް ކުރަމުންދާކަމަށެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނީ، ދިވެހިންނަށް އަދާކުރެވޭ ވަޒީފާތަކަށް ބިދޭސީން އެތެރެ ނުކުރެވޭނެ ކަމަށް ޤަވާއިދުގައި ބުނެފައިވީނަމަވެސް، ރާއްޖޭގައި ބިދޭސީން ލައްވައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރުވާ މައްސަލަވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، އެފަދަ މަސައްކަތް ކުރާ ބިދޭސީންނާ އެއްވަރަށް އެމީހުން ލައްވައި މަސައްކަތް ކުރުވާ މީހުންނާއި އެފަދަ ބިދޭސީން ރާއްޖެ ގެންނަ މީހުންވެސް ޒިންމާ ވާންޖެހޭނެކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި އެފަދަ މީހުން ހޯދައި އެމީހުންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިހާރުވެސް ދަނީ، ރާއްޖޭގައި ތަރައްޤީކުރަމުންދާ ރިސޯޓެއްގައި ޤަވާއިދާ ޚިލާފަށް 1000 ބިދޭސީން މަސައްކަތްކުރަމުންދާ މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނީ ރާއްޖޭގެ ބައެއް ރިސޯޓްތަކުގެ 90 އިންސައްތަ މުވައްޒަފުންނަކީ ބިދޭސީން ކަމަށެވެ.