ޚަބަރު

ތިނަދޫން 25 ޖަމްބަލް ބޭގްގެ ޕްލާސްޓިކް ކުނި އެއްކޮށްފި


ގދ. ތިނަދޫގެ އެކި ސަރަހައްދުތަކުން 25 ޖަމްބަލް ބޭގްގެ ޕްލާސްޓިކް ކުނި އެއްކޮށް، ނައްތާލުމަށް މާލެ ފޮނުވާލައިފިއެވެ.

އެ ކުނީގެ ތެރެއިން 10 ބަސްތާ ކުންޏަކީ އެރަށުގެ މުވައްސަސާތައް ގުޅިގެން ރަށުގެ ގޮނޑުދޮށް ސަރަހައްދު ސާފު ކުރުމަށް ބޭއްވި ޕްރޮގްރާމުގައި ނަގާފައިވާ ކުނި ކަމަށްވާއިރު އަނެއް 15 ބޭގު ކުންޏަކީ އެރަށު ކުނިގޮނޑަށް އެއްކޮށްފައިހުރި ޕްލާސްޓިކް ކުންޏެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް، އިބްރާހިމް އައްސަދު ވިދާޅުވީ ތިނަދޫ ކައުންސިލުން ހިންގި ސާފުކުރުމުގެ އެ ހަރަކާތަށް އެރަށުގައިހުރި ސަރުކާރުގެ އިދާރާތަކާއި، އާންމުންގެ ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ޕްރޮގްރާމްތައް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރު އެރަށު ސްކޫލުތަކާ ގުޅިގެން މަހުގެ ވަކި ދުވަސްތަކެއްގައި ގޭބިސީތަކުގައި އުފެދޭ ޕްލާސްޓިކް ކުނި، ކުނި ގޮނޑަށް އުކާލުމުގެ ކުރިން ގޭގެއަށްގޮސް ކުނި އެއްކުރުމުގެ ޕްރޮގްރާމެއްވެސް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މޫދަށް އެޅޭ ކުނީގެ މިންވަރު މަދު ކުރުމުގެ ގޮތުން، ރަށުގެ އެކި ސަރަހައްދުތަކުގައި ޕްލާސްޓިކް ކުނި އެއްކުރެވޭނެފަދަ ތަންތަން ހެދުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އައްސަދު ވިދާޅުވީ އެރަށު ކުނިކޮށްޓަށް އުކާލެވޭ ޕްލާސްޓިކް ކުންޏާއި، އެހެނިގެން ގޮތް ގޮތަށް އެއްކުރެވޭ ޕްލާސްޓިކް ކުނީގެ ޝިޕްމެންޓެއް، އެސްޓީއޯގެ ސިމެންތި ދޯނި ތިނަދޫއިން މާލެއަށް ފުރާ ކޮންމެ ފަހަރަކު މާލެއަށް ފޮނުވާލެވޭނެ ކަމަށެވެ. އަދި އެރަށުން އެއްކުރެވުނު 25 ޖަމްބަލް ބޭގުގެ ޕްލާސްޓިކް ކުނި މާލެ ފޮނުވާފައިވަނީ އެސްޓީއޯގެ ސިމެންތި އުފުލާ ދޯނީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯ ތިނަދޫ ފިހާރައިގެ މެނޭޖަރު އައިޝަތު ދީނާ ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމަށް އެސްޓީއޯއިންވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެއްކުރެވޭ ކުނި މާލެއަށް ގެންދިއުމުގައި އެސްޓީއޯގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.