ޚަބަރު

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ނުހުޅުވި ލަސްވަނީ ފެނާއި ނަރުދަމާ ނުގުޅިގެން - ކައުންސިލް


ކުޅުދުއްފުށީގައި އަލަށް ހެދި ލޯކަލް މާރުކޭޓް ނުހުޅުވި ލަސްވަމުންދަނީ ފެނާއި ނަރުދަމާ ނުގުޅިގެންކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.

ކުޅުދުއްފުށީގައި އަލަށް ތަރައްޤީކުރި ލޯކަލް މާރުކޭޓް އިމާރާތް ނޮވެމްބަރު ނުވަތަ ޑިސެމްބަރ މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ކުރިން ވަނީ ބުނެފައެވެ. މިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައި ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ކުޅުދުއްފުށީ ކައުންސިލުން ބުނީ ލޯކަލް މާރުކޭޓް އިމާރާތް ނިމިފައިވާކަމަށާއި، އެތަން ބޭނުންކުރާނެގޮތުގެ ޤަވާއިދުތައް ހަދައި ވަރަށް އަވަހަށް ބޭނުންކުރަން ފެށޭވަރުވާނެކަމަށެވެ.

އެހެންނަމަވެސް މާރުކޭޓްގެ ޚިދުމަތް ނުދެވި ލަސްވެގެންދަނީ މާރުކޭޓް ހުންނަ އިމާރާތަށް ފެނާއި ނަރުދަމާގެ ޚިދުމަތް ނުގުޅޭތީކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވީ އިމާރާތް ނިމިފައި ހުރިނަމަވެސް ފެނާއި ނަރުދަމާގެ ޚިދުމަތް އަދި މާރުކޭޓަށް ނުލިބޭ ކަމަށެވެ. މި ޚިދުމަތް މާރުކޭޓަށް ދެވެން އޮތީ ތާރު ނުކަނޑައި ނަރުދަމާގެ ޚިދުމަތް ގުޅޭނެ އިންތިޒާމު ހަމަޖެހުމުންކަމަށާއި، މި މައްސަލައަށް ހައްލު ހޯދުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުންދާކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ.

"
"އިމާރާތުގެ މަސައްކަތް ނިމިފަ މިވަނީ. އެހެންނަމަވެސް އަދި މާރުކޭޓަށް ފެނާ ނަރުދަމާގެ ހިދުމަތް ނުލިބޭ. މިހިދުމަތް މާރުކޭޓަށް ދެވެން އޮތީ ކުޅުދުއްފުއްޓަށް ދިމާވެފައިމިވާ ތާރުކަނޑައިގެން ފެނާ ނަރުދަމާގެ ހިދުމަތް ދިނުމުގެ މައްސަލަައަށް ހައްލެއް ލިބިގެން. ކައުންސިލުން މިނިސްޓްރީގައި އެދެމުން މިދަނީ މިމައްސަލަ ހައްލުކޮށްދެއްވުމަށް. މަގުތަކުގައި ތާރު އެޅިއިރު މެއިން ޖަންގްޝަން ތަކުގެ މަތިން ތާޅުއަޅާފައި ވުމުން މިމައްސަލަ ދިމާވެގެން މިއުޅެނީ. މިކަމުގެ ސަބަބުން ފެނާ ނަރުދަމާގެ ހިދުމަތަށް އެދިފަތިބި ބައެއް ރައްޔިތުންނަށްވެސް އެހިދުމަތް ފޯރުކޮށް ނުދެވިގެން މިއުޅެނީ."
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް އިމާރާތް ކޮށްފައިވަނީ ކުޅުދުއްފުށީ ބަންޑާރަމަގުގައެވެ. 3 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މިއިމާރާތުގެ ދިގުމިނުގައި 104 ފޫޓް އަދި ފުޅާމިނުގައި 62 ފޫޓު ހުރެއެވެ. މި މާރުކޭޓުގައި އޮފީހަކާއި ސެކިއުރިޓީ ރޫމެއްގެ އިތުރުން ދަނޑުވެރިން ތަކެތި ވިއްކުމަށް 32 ގޮޅި ހުރެއެވެ. މީގެތެރޭން 2 ގޮޅި ވަޅޯމަސް ވިއްކުމަށް ހާއްޞަކޮށްފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތުދެއެވެ.

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ހުޅުވައި ޚިދުމަތްދޭން ފެށުމުން އެސަރަހައްދުގެ އެކި ރަށްރަށުން ކުޅުދުއްފުއްޓަށް ތަކެތި ވިއްކަން އަންނަ ދަނޑުވެރިންނާއި، ކުޅުދުއްފުށީގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ.