ޚަބަރު

ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް އެމްއާރުސީސީ އާއި ފަޔަރ ޓްރޭނިންގ ސްކޫލަށް ޒިޔާރަތްކުރައްވައިފި


ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ވިިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރާއި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ޓްރޭނިންގ ސްކޫލުގެ ޙާލަތު ބައްލަވާލައްވައިފިއެވެ.

ޑިފެންސް މިނިސްޓަރ މިދެތަނުގެ ޙާލަތު ބައްލަވާލައްވާފައިވަނީ ވިިލިނގިލީގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ޓްރޭނިންގ ސްކޫލަށް ކުރެއްވި ޒިޔާރަތުގައެވެ. މި ޒިޔާރަތުގައި މިނިސްޓަރގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ޒިޔާރަތުގައި އެމްއާރުސީސީގައި ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވާ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރާ ގޮތްތަކާ ގުޅޭގޮތުން މިނިސްޓަރ ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އެމްއާރުސީސީގައި މަސައްކަތް ކުރާ ސިފައިންނާ ބައްދަލުކުރައްވާ ދިމާވާ ދަތިތަކާ ގުޅޭ ގޮތުންވެސް މިނިސްޓަރ ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ، ފަޔަރ ޓްރޭނިންގ ސްކޫލްގައި ހިންގާ ބައެއް ކޯސްތަކާއި، ކޯސްތައް ހިންގުމުގައި ދިމާވާ ދަތިތަކުގެ އިތުރުން ކޯހުގެ ތެރޭގައި ކުރިއަށް ގެންދާ އެކްސަސައިޒްތައް ކުރިއަށް ގެންދާ ގޮތްތަކާ ގުޅޭ ގޮތުންވެސް މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ފަޔަރ ޓްރޭނިންގ ސްކޫލުގައި މަސައްކަތްކުރާ ސިފައިންނާ ބައްދަލުކުރައްވާ ދިމާވާ ދަތިތައްވެސް މިނިސްޓަރ އޮޅުންފިލުއްވިއެވެ.