ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް މާލޭ ސިޓީ ކައުންސިލުން ޝުކުރު އަދާކުރައްވައިފި


ސިޓީ ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ހަރުދަނާ ގޮތެއްގައި ޒިންމާ އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތައް ބާރުވެރިކުރުމުގައި އަބަދުވެސް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މާލޭ ސިޓީ ކައުންސިލުން ވަނީ، ސިޓީ ކައުންސިލްތައް ބާރުވެރި ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައެވެ. މާލޭ ސިޓީ ކައުންސިލްގެ މެންބަރުން ވަނީ ކައުންސިލްގެ މަސައްކަތްތައް ފުރިހަމަ ކުރުމުގައި ހުރި ގޮންޖެހުންތައް ރައީސާ ހިއްސާ ކުރައްވާފައެވެ. އަދި، މާލެއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށާއި މާލެއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރާވާފައިވާ ކަންކަން ކުރުމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދި ވަޑައިގެންފައެވެ.

މީގެ އިތުރުން މާލޭ ސިޓީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކާއި މާލޭގައި އިމާރާތް ކުރަމުންދާ ތަންތަނުގެ ތެރެއިން ޤަވާއިދާ ޚިލާފުވެގެން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއި ދޭތެރޭ އަމަލުކުރާނެ ގޮތުގެ މަޢުލޫމާތުވެސް ސިޓީ ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ. އެގޮތުން ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ސިޓީ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކަށް ލިބިފައިވާ ކުރިއެރުންތައްވެސް ސިޓީ ކައުންސިލުން ވަނީ ރައީސާ ހިއްސާކުރައްވާފައެވެ.

ކައުންސިލްތަކަށް ލިބިފައިވާ ބާރުތާއި މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ 5 އަހަރު ރައީސުލްޖުމްހޫރިއްޔާ ހިފަހައްޓާފައިވާ ހުރިހާ ބާރަކާއި މަސައްކަތްތައް އަނބުރާ ކައުންސިލްތަކަށް ދޫކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.