ޚަބަރު

ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުމާގުޅޭގޮތުން ބެލެނިވެރިންނާއި ޢާންމުންގެ ޚިޔާލު މިރޭ ހޯދަނީ


ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ޕައިލެޓު ޕްރޮގްރާމްގެ މަޢުލޫމާތު ދިނުމާއި، އެކަމަށް ބެލެނިވެރިންނާއި ޢާންމުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ފޯރަމް މިރޭ އޮންނާނެއެވެ.

މިރޭ އަމީނިއްޔާ ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ވީހާގިނަ ޢަދަދެއްގެ ބެލެނިވެރިން ބައިވެރިވުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދެއެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ލިބޭނެގޮތް ހެދުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ޕައިލެޓު ޕްރޮގްރާމް އަންނަ ދިރާސީ އާއަހަރާއެކު ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު މި ޕްރޮގްރާމްގެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ 25 ސްކޫލްއެއްގައެވެ. އަދި ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމަށްވެސް މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން މިހާތަނަށް މާލޭގެ 4 ސްކޫލަކާއި، އަތޮޅުތެރޭގެ 18 ސްކޫލަކުން ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.