ޚަބަރު

ދިވެހިރާއްޖޭގައި ޖަރުމަނު-ޝެންގަން ވިސާ އެޕްލިކޭޝަން ކްލިނިކެއް ޤާއިމްކުރަނީ


ޖަރުމަނުވިލާތަށާއި ޝެންގަންއަށް ދަތުރު ކުރާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީގައި ވަގުތީ ވިސާ އެޕްލިކޭޝަން ކްލިނިކެއް ޤާއިމުކުރަން ނިންމައިފިއެވެ.

ދިވެހި ސަރުކާރާއި ޖަރުމަނު ސަރުކާރު ގުޅިގެން ޤާއިމްކުރާ މި ވަގުތީ ވިސާ ކްލިނިކުން، އަންނަ ޖެނުއަރީ މަހުގެ 27ހުން 28އަށް، ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ހަވީރު 6:00 އަށް މި ޚިދުމަތް ލިބޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެއެވެ. އަދި، ވިސާއަށް އެޕްލައިކުރާ މީހުންގެ އަދަދަށް ބަލައި ވިސާ ކްލިނުކުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާމަކަށްވެސް އެ މިނިސްޓްރީއިން ބުނެއެވެ.

މި ވިސާ އެޕްލިކޭޝަން ކްލިނިކް މެދުވެރިކޮށް ވިސާގެ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން މި ޕޯޓަލް މެދުވެރިކޮށް އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 5:30 އާއި ހަމައަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް ފޮރިން މިނިސްޓްރީއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިއީ ޝެންގަން ވިސާއަށް ރާއްޖޭގައި ތިބެގެން އެޕްލައިކުރެވޭގޮތް ހަދާ ފުރަތަމަ ފަހަރެވެ. މިއީ ޖަރުމަނުވިލާތައް ދަތުރު ކުރާ ދިވެހިންނަށް ޚާއްސަކޮށް ބަރލިންގައި ބޭއްވޭ އައި.ޓީ.ބީ ފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމެއްކެވެ.