ޚަބަރު

އަމީރް އަޙްމަދު މަގުގައި ގާ އެތުރުމުގެ މަސައްކަތް ފަށައިފި


އަމީރު އަޙްމަދު މަގުގައި އިސްލާމީ މަރުކަޒާ އިންވެގެން އޮންނަ ސަރަޙައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށްޓަކައި އެ ސަރަޙައްދުގައި ގާ އެތުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ކުރާ ފަރާތާއި ހަވާލާދީ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި މަސައްކަތް ކުރިއަށް އޮތް ދޭއް ނުވަތަ ތިން ދުވަހުގެތެރޭގައި ނިމޭނެކަމަށެވެ. ގާ އެތުރުމުގެ މަސައްކަތް ނިމުމާއެކު އެ މަގު އެއްގަމު ދަތުރުފަތުރަށް ހުޅުވާލުމަށްވަނީ ނިންމާފައެވެ. އާއްމުންގެ ޙިޔާލާއިއެކު އެ މަގު އާއްމު ދަތުރުފަތުރުތަކަށް ހުޅުވާލުމަށް ނިންމާފައިވަނީ އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ދިމާވަމުންދާ ދަތިތައް ޙައްލުކޮށް އެ ސަރަހައްދުން ދަތުރުކުރާ ވެހިކަލްތަކަށާއި އާންމުންނަށް ދަތުރުކުރަން ފަސޭހަ ކޮށްދިނުމުގެ ގޮތުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

އަމީރު އަޙްމަދު މަގު އެއްގަމު ދަތުރުފަތުރަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާއިރު، އިސްލާމީ މަރުކަޒާއި ރަސްރަނި ބަގީޗާއާ ދެމެދު އޮންނަ މެދުޒިޔާރާތް މަގުގެ މާރބުލް ޖަހާފައިވާ ސަރަޙައްދުވެސް ވެހިކަލްތަކަށް ދަތުރުކުރެވޭގޮތަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަމީރު އަޙްމަދު މަގުގެ މަސައްކަތް ނިނުމާއެކު، މެދުޒިޔާރާތް މަގުގެ މަސައްކަތް ފަށާނެކަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މީގެކުރިން ބުނެފައެވެ.

ކުރީގެ ސަރުކާރުން އަމީރު އަޙްމަދު މަގާއި މެދުޒިޔާރާތް މަގުގެ ބައެއް ބަންދުކޮށްފައިވަނީ، އިސްލާމީ މަރުކަޒު މައިދާނުގެ ގޮތުގައި އެތަން ތަރައްޤީކުރުމަށެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން، މާލޭ މަގުތައް ބޭނުންކުރާ މީހުންނަށް ފަސޭހަވާނެހެން މަގުތަކަށް ގެނެވެންހުރި ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މުދާ ލޯޑްކުރުމާއި އަންލޯޑްކުރުމަށް ޚާއްޞަ ސަރަޙައްދުތައް ކަނޑައެޅުމާއި، މަގުތަކުގައި ބޭނުންނުކޮށް ދުވަސްވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ.