ޚަބަރު

އަންނަ އަހަރު ގްރޭޑް އެކަކަށްދާ ދަރިވަރުންނަށް ބިއްލޫރި ފުޅި ދޭން ނިންމައިފި


ރާއްޖޭގެ ސްކޫލްތަކުގައި އަންނަ އަހަރު ގްރޭޑް އެކެއް ކިޔަވާ ހުރިހާ ދަރިވަރުންނަށް އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރެވޭ ފުޅި ބެހުމަށް ނިންމާފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީއާއި ޔުނިސެފް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ފުރަތަމަބުރު މި ހަފްތާގެ ތެރޭގައި ފަށާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމަކީ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ކުޑަކުދިން އަހުލުވެރި ކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ސްކޫލް ކުދިންނަަށް ބަހާ ފުޅިތަކަކީ ބީޕީއޭ ފްރީ ފުޅިތަކެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ސްކޫލްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމުގެ ގޮތުން ސްކޫލްތަކަށް ބިއްލޫރި ފުޅި ހަދިޔާ ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމަނައިގެން، ޕްލާސްޓީކް ފުޅިއާއި ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ޤައުމީ ކެމްޕެއިނެއް ސަރުކާރުން ވަނީ ފަށާފައެވެ. މި ކެމްޕެއިނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ބައެއް އިދާރާތަކާއި ސަރުކާރު ހިއްްސާވާ ބައެއް ކުންފުނިތަކުންވެސް ވަނީ މި ކެމްޕެއިނުގައި ބައިވެރިވެ ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލާފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ފުޅި ބެހުމުގެ މަގުސަދަކީ ޕްލާސްޓިކް ބޭނުންކުރާ ނިސްބަތް މަދުކުރުމާއި ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތައް މަދުކުރުން ކަމަށެވެ.