ޚަބަރު

ތިނަދޫގެ ދަރިވަރުންނަށް މަތީ ތަޢުލީމު ޙާސިލް ކުރުމުގެ ފުރުސަތު


ތުރުކީ ވިލާތުގައި ހުންނަ "ސުލައިމާނީ އެޑިއުކޭޝަން ސެންޓަރ"ގައި ކީތިރި ޤުރުއާނުގެ އިލްމާއި އިސްލާމީ މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ގދ.ތިނަދޫ ދަރިވަރުންނަށް ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ތުރުކީގެ ސުލައިމާނީ އެޑިއުކޭޝަންގެ އިސްބޭފުޅުންނާ ތިނަދޫ ކައުންސިލްގެ މެމްބަރުން ބައްދަލުކުރައްވައި، ކުރެވުނު މަޝްވަރާތަކަކަށްފަހުއެވެ. އެރަށު ކައުންސިލުން ބުނި ގޮތުގައި ތުރުކީގައި ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ތިނަދޫގެ ދަރިވަރުންނަށް ހުޅުވާލާފައިވަނީ ހިލެއެވެ.

އަދި އެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 13އަހަރާއި 18އަހަރާ ދެމެދުގެ ދަރިވަރުންނަށް ކަމަށާ އެސެންޓަރުގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ތިނަދޫ ކައުންސިލުން މިފަދަ ފުރުސަތެއް ހުޅުވާލާފައިވާއިރު، އެކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ގުރުއާން ޙިފްޟު ކްލާހަކާއި ޤިރާއަތު ލެވެލް ހަތަރެއްގެ ކޯހެއްވެސް ކުރިއަށް އެބަ ގެންދެއެވެ.