ޚަބަރު

ތޫފާންތަކުގެ ސީދާ އަސަރު ރާއްޖެއަކަށް ނުކުރާނެ، އެކަމަކު އުދަ އަރާފާނެ


ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާންތަކުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާންތަކުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް އެތޫފާންތަކުގެ ސަބަބުން އުފެދޭ ބޮޑެތި ރާޅުތަކުގެ ސަބަބުން، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށެވެ. މެޓް އޮފީހުންވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މިކަމަށް ސަމާލުވެތިބުމަށާއި، އުދައަރައި މުދަލަށް ގެއްލުންވުމުގެ ކުރިން ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި، ކަރަންޓް ސާމާނު ފެނުގެ އަސަރު ނުފޯރާނެ ރައްކާތެރި ތަނެއްގައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

މިދުވަސްވަރަކީ ދެކުނު އިންޑިއާ ކަނޑުގައި ތޫފާންތަކެއް އުފެދެމުންދާ ދުވަސްވަރެކެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިންބުނީ ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށެވެ.