ޚަބަރު

ތިނަދޫ ފެން ޕްލާންޓަށް މައްސަލައެއް ދިމާވެ، ފެން ދޫކުރާ ވަކި ގަޑިތަކެއް ކަނޑައަޅައިފި


ގދ. ތިނަދޫ ފެން ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން، އެރަށުގެ ގެތަކަށް ފެން ދޫކުރާނެ ވަކި ގަޑިތަކެއް ފެނަކަ ކޯޕަރޭޝަނުން ކަނޑައަޅައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރ، ޙުސެއިން ހަމީޒް ވިދާޅުވީ ތިނަދޫ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މައްސަލަ އެއްކޮށް ހައްލު ކުރުމަށް 7 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށެވެ. އަދި ފެން ދޫކުރަން ވަކި ގަޑިތަކެއް ކަނޑައަޅާފައިވަނީ ޕްލާންޓުން އެއްކޮށް ފެން ހުސްވިޔަ ނުދީ، ފެން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށެވެ.

"ހުއްޓާނުލާ ފެން ދޫކުރާކަމަށް ވެއްޖެއްޔާ ފެން ހުސްވެދާނެ. އެހެންވެ ވަކި ގަޑިތަކެއް ކަނޑައަޅައިގެން ފެން ދޫކުރަމުން މިދަނީ. އެއީ މުޅި ރަށުން ފެން ހުސްވިޔަ ނުދިނުމަށްޓަކާ، ފެން ކޮންޓްރޯލް ކުރުމަށްޓަކާ. މިއީ އަޅުގަނޑުމެން އަލަށް ކުރާ ކަމެއް ނޫން. މިކަހަލަ މައްސަލަތަކެއް ދިމާވާ ހާލަތްތަކުގައި އަޅުގަނޑުމެން އަބަދުވެސް މިފަދަ ގޮތްތަކެއް ކަނޑައަޅައިގެން ފެން ދޫކުރަން،" ހަމީޒް ވިދާޅުވިއެވެ.

ތިނަދޫ ފެން ޕްލާންޓަށް ދިމާވި މައްސަލައާ ގުޅިގެން ފެން ދޫކުރަން ހަމަޖައްސާފައިވަނީ ދުވާލާއި ރޭގަނޑުގެ އެކި ވަގުތުތަކުގައި 11 ގަޑިއިރަށެވެ. އެއީ ކޮންމެ ދުވަހަކު ހެނދުނު 4:30 އިން 6:00 އަށް އަދި 7:30 އިން 10:00 އަށް، މެންދުރު 12:00 އިން 13:00 އަށް އަދި ހަވީރު 15:00 އިން ރޭގަނޑު 21:00 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި ފެން ދޫކުރާނީ ފަތިހު 4:30 އިން 6:00 އަށެވެ. އަދި ހެނފުނު 10:30 އިން 13:00 އަށްކަމަށް ފެނަކަ ތިނަދޫ އޮފީހުން މައުލޫމާތުދެއެވެ.

އާބާދީގައި 13 ހާހެއްހާ މީހުން ދިރިއުޅޭ ގދ. ތިނަދޫގެ ފެން ޕްލާންޓަށް މައްސަލައެއް ދިމާވެފައިވާއިރު، އެރަށުގައި އާ ފެންޕްލާންޓެއް އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަ ދެއެވެ. އަލަށް ޤާއިމުކުރާ ފެންޕްލާންޓްގެ ޚިދުމަތްވެސް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.