ޚަބަރު

ސަރުކާރުގެ ވަޢުދުތައް ފުއްދޭނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން - ރައީސް ނަޝީދު


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުތައް ފުއްދޭނީ 2019 ވަނައަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބިގެންކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ހއ. އިހަވަންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ހަވީރު އެރަށު ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދިނުމަށް މުޅި ރާއްޖެ ގޮވަމުންދާކަމަށެވެ. ސަރުކާރުގެ ވަޢުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީއަށް ހޯދައިދޭންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރުމަށް ނިންމާފައެވެ. އަދި އެޕާޓީގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާއިރު، 280 މީހުން ޕްރައިމަރީގައި ވާދަކުރެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިހަވަންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށު ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން އެރަށުގައި ކުނިއެޅުމަށް ޚާއްޞަ ތަނެއް ނެތުމާއި، އައިސް ޕްލާންޓްގެ ޚިދުމަތް މަސްވެރިންނަށް ލިބެމުން ނުދިއުމާއި، އެރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމާއި، ސިއްޙީ ނަޒާމުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ކައުންސިލްގެ މެމްބަރުން ވަނީ ރައީސް ނަޝީދާ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ނަޝީދުވަނީ އިހަވަންދޫ ރައްޔިތުންގެ ޙާލު ބައްލަވާލައްވައި، އެރަށުގެ މުހިންމު ތަންތަނަށް ޒިޔާރާތްކުރައްވާފައެވެ.