ޚަބަރު

ސައިބަރ ސެކިއުރިޓީއާބެހޭ ޤާނޫނެއް ހަދާނަން - މިނިސްޓަރ މަލީޙް


އިންޓަރނެޓްގެ ޒަރިއްޔާއިން ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް އެކަމާ ގުޅޭ ޤާނޫނެއް އެކުލަވާލާނެކަމަށް މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށްދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވީ އިންޓަރނެޓްގެ ޒަރިއްޔާއިން ދިމާވާ އެކިއެކި މައްސަލަތަކާއި، ކުރާ ކުށްތައް ހުއްޓުވުމުގެ މަސައްކަތް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޢަމަލުކުރާނެ ރަނގަޅު ޤާނޫނެއް ނެތުންކަމަށެވެ.

އެގޮތުން އިންޓަރނެޓްގެ ޒަރިއްޔާއިން ޤައުމުތަކަށް އަންނަ ހަމަލާތަކާއި، އިންޓަރނެޓްގެ ޒަރިއްޔާއިން ހިންގާ ނޭއްގާނީ ޢަމަލުތައް ހުއްޓުވައި، ސައިބަރ ސެކިއުރިޓީ ބެެލެހެއްޓުމަށް ޚާއްޞަ ޔުނިޓެއް ޤާއިމުކުރުމަކީވެސް ސަރުކާރުން އިސްކަމެއްދީގެން ކުރައްވާނެކަމެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށުން މިހާރު މިކަން ބަލަހައްޓަމުންގެންދާއިރު، މިކަމަށް ޚާއްޞަ ޔުނިޓަކާއެކު މި މަސައްކަތް އިތުރަށް ފުޅާކުރުން މުހިންމުކަމަށެވެ.

"
"އެއްގޮތަކަށްވެސް މަސައްކަތެއް ނުކުރާނަން ޓެކްނޮލޮޖީއާއި، އިންޓަނެޓް ސެކިއުރިޓީ ވަރުގަދަކުރުމަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ހުއްޓުވާކަށް. ބޭނުންވަނީ އިންޓަނެޓް މެދުވެރިކޮށް ވީހާވެސް ރައްޔިތުންނަށް ފެންނަގޮތަށް މަޢުލޫމާތާއި ކަންކަން ހާމަކުރުން. މިކަމުގެ ސަބަބުން ފަސާދަޔާއި، ކޮރަޕްޝަން ފަދަ ކަންކަން ހުއްޓުމަށް ވަރަށް ބޮޑަށް މަގުފަހިވޭ."
މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން އައިސީޓީ ދާއިރާ ފުޅާކުރުމަށް އިންޑިއާއިއެކު ހަދާފައިވާ އެއްބަސްވުމުގެދަށުން މި ދާއިރާގެ މީހުން ބިނާކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވޭނެކަމަށާއި، އިންޑިއާއާއި، އިނގިރޭސިވިލާތް އަދި އަވަށްޓެރި ޤައުމުތައް ގުޅިގެން ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށް ޚާއްޞަ އޮނިގަނޑެއް އެކުލަވާލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.