ޚަބަރު

ނައިބު ރައީސް ހދ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ހދ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ހދ އަތޮޅުގެ 4 ރަށަކަށްވަނީ ވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ކުޅުދުއްފުއްޓަށެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވާފައެވެ. ވަކިވަކިން ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުންތަކުގައި ކުޅުދުއްފުށީގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާއި، ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން އެމަނިކުފާނު ވަނީ މަޝްވަރާކުރައްވާފައެވެ.

ނާއިބުރައީސްގެ މިދަތުރުފުޅުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ބައްލަވާލައްވައި، އެހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ތިއޭޓަރ ކޮމްޕްލެކްސް ރަސްމީކޮށް ހުޅުއްވައިދެއްވިއެވެ. އަދި ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ހާލަތުވެސް ބައްލަވައިލެއްވިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކުޅުދުއްފުށީ ޒުވާނުންނާ ބައްދަލުކުރައްވައި ޒުވާނުންނަށް ދިމާވާ އެކި އެކި ގޮންޖެހުންތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ނާއިބް ރައީސްގެ މި ދަތުރުފުޅުގައި ކުޅުދުއްފުއްޓަށްފަހު ދެން ވަޑައިގަތީ އެއަތޮޅު ނޮޅިވަރަމަށެވެ. ނާއިބްރައީސް ނޮޅިވަރަމަށް ވަޑައިގަތުމުން، އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ނޮޅިވަރަމް ކައުންސިލްގެ އިދާރާއަށާއި، ނޮޅިވަރަމް ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ މުޢައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެތަންތަނުގެ މަސައްކަތް ކުރިއަށްދާގޮތާއި، ޙާލަތު ބައްލަވާފައެވެ.

ނޮޅިވަރަމަށްފަހު ނާއިބް ރައީސް ދެން ވަޑައިގެންނެވީ، އެއަތޮޅު ނޮޅިވަރަންފަރަށެވެ. ނޮޅިވަރަމަށް ވަޑައިގެން ނާއިބް ރައީސް ވަނީ، ބްރާސްފަތި ދުވަހު، ދިއްދޫ ކައިރިއަށް މޫދަށް އެރި އުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިސާއެއްގައި ނިޔާވި ކުޑަކުއްޖާގެ އާއިލާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ނާއިބް ރައީސް ވަނީ، އެ ކުއްޖާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނު އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވެފައެވެ.

ނާއިބް ރައީސް ފައިޞަލް ނަސީމްގެ މިދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑަގަތީ ހަނިމާދޫއަށެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ހަނިމާދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި، ކައުންސިލްގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ނައިބުރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަލް ޝިދާތާ ޝަރީފާއި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.