ޚަބަރު

ޔަމަނަށް އެހީ ވުމަށް އައިއޭސީން ހިންގާ ކެމްޕެއިނަށް ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން އެހީވަނީ


ބޭރު ޤައުމުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޙަރަކާތްތެރިވާ ދިވެހި އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން، އައި.އޭސީއާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައިއޭސީއާއި، ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ ދެމެދު ވެވުނު އެއްބަސްވުމަކީ، ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އައި.އޭސީން ހިންގާ ކެމްޕެއިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެކެވެ.

ޔަމަނުގައި ތިބި މުސްލިމުންނަށް އެހީ ވުމަށް ގިނަ އަދަދެއް އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުން އައިއޭސީއާއި ބައިވެރިވެފައިވާއިރު ސަރުކާރު އިދާރާއަކުން އެ ޖަމްޢިއްޔާއާ ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ މިހާތަނަށް އަށްލައްކަ ފަންސާސްހާސް ރުފިޔާ އާ ގާތްކުރާ އަދަދަކަށް އެހީ ލިބިފައިވާ ކަމަށާ، ކުރިއަށް އޮތް ހަފްތާތެރޭގައި އެ ތަކެތި ޔަމަނުގެ ރައްޔިތުންނަށް ބެހުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ކަސްޓަމްސް އިން އެ ޖަމްޢިއްޔާއަށް ދިންފަދަ އެއްބާރުލުމެއް އިތުރު މުވައްސަސާ ތަކުންވެސް ލިބޭނެކަމަށް އުންމީދުކުރާކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.