ޚަބަރު

ލައިސަންސް ނަގާ އަންހެނުންނާއެކު ޕްރެކްޓިކަލް ޓެސްޓްގައި އަންހެނަކު ބައިވެރިވާގޮތް ހަދަނީ


ލައިސަންސް ނެގުމަށް ޕްރެކްޓިކަލް ޓެސްޓް ހަދާ އަންހެނުންނާއެކު، އަންހެން އެގްޒަމިނަރއަކު ޙަރަކާތްތެރިވާގޮތަށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، ރާއްޖެގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ކުރެއްވި ޓުވީޓަކަށް ޖަވާބުދެއްވަމުންނެވެ. ޝައިޚް ޢަލީ ޒާހިރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ސައިކަލް ލައިސަންސް ނަގާ އަންހެނުން ޕްރެކްޓިކަލް ޓެސްޓް ހަދާއިރު، ސައިކަލްގެ ފަހަތަށް ފިރިހެނަކު އެރުވުމުގެ ބަދަލުގައި އަންހެނަކު އަރުވައިގެން ޓެސްޓް ހެދޭނެ ގޮތެއް ހަމަޖައްސައި ދިނުމަކީ ޓްރާންސް ޕޯޓް މިނިސްޓްރީގެ ފަރާތުން އެދޭ ވަރަށްބޮޑު އެދުމެއް ކަމަށެވެ.

މި ޓްވީޓަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވެފައިވަނީ، ޝައިޚް ޒާހިރުގެ ޚިޔާލާ އެއްގޮތަށް، ކަންކަން ހަމަޖެއްސުމަށް ރަސްމީކޮށް އަންގަވާފައިވާނެކަމަށާ، ވަރަށް އަވަހަށް އެކަން ހަމަޖެހިގެން ދާނެކަމަށެވެ.

މިނިސްޓަރގެ މި ނިންމެވުމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކި ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން މިއީ ލައިސަންސް ނަގަން ބޭނުންވާ އަންހެނުންނަށް ލިބުނު އުފާވެރި ޚަބަރެއްކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.