ޚަބަރު

ދަރުމަވެރިވުމަށް ތަޢުލީމީ ދާއިރާއިން ބާރުއަޅަން - އެޑިއުކޭޝަން މިނިސްޓަރ


ތައުލީމީ ނިޒާމުގައި ދަރުމަވެރިވުމަށް ބާރުއަޅައި، ސްކޫލްފެންވަރުގައި ހަރުދަނާ ދަރުމަވެރިން އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ދަރުމަވެރިންގެ ދުވަސް ފާހަގަކުރާއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަކީ ރާއްޖޭގެ އިޖްތިމާޢީ ސަފުތައް އަލުން ގުޅުވައި ބަދަހިކުރުމަށާއި، ދަރުމަވެރިވުމުގެ ސިފަ ޅަދަރިންގެ ހިތްތަކުގައި އާލާކުރުމަށްކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ތަޢުލީމީ ދާއިރާއިންވެސް ދަރުމަވެރިވުމަށް ބާރުއަޅައި، ސްކޫލް ފެންވަރުގައި ހަރުދަނާ ދަރުމަވެރިންތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

"
"ތާރިޚީ ގޮތުންބަލާއިރު، މިއަދު ވެސް ރާއްޖެ ސިފަވަނީ ވަރަށް އެކުވެރި އަދި ރާއްޖެއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ކަމޭހިތާ ބައެއް ދިރިއުޅޭ ތަނެއްގެ ގޮތުގައި. ތާރީޚީ ލިޔުންތަކަށް ބަލާއިރު އެވޭލާ ޒަމާނުންސުރެ ދިވެހިންނަކީ ދީލަތި އަދި ހިލޭ ސާބަހަށް މަސައްކަތްކުރުމަށް ލޯބިކުރާ ބައެއް. މިކަމުގެ އެންމެ ބޮޑު ހެއްކަކަށް 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ގައި ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި ފެނުނު އެއްބައިވަންތަކަން ފުދޭ. މީހެއްގެ ނަސްލެއް ނުވަތަ އުފަންވާ ރަށެއް ބެލުމެއްނެތި ކޮންމެ މީހަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަކީ އުފަލެއްކަމުގައި ހެދުމަށް."
ޑރ. ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ ދަރުމަވެރިންނަކީ ކޮންމެ މުޖުތަމައެއްގައިވެސް ލޯތްބާއި އޯގާތެރިކަން ފަތުރައިދޭ ބައެއްކަމަށާއި އެހެންކަމުން ދަރުމަވެރިންނަށްވެސް އެމީހުންގެމަސައްކަތުގެ ބަދަލުގައި ލޯތްބާއި، އަޅާލުމާއި، އެހީތެރިކަން ދޭންޖެހޭކަމަށެވެ. ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ދަރުމަވެރިންނަށް ކޮށްދިނުމަށް ކަނޑައަޅާފައިވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި ހޯމް މިނިސްޓަރ ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ރަށްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަން ފަޑުވެގެންދިޔަ ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރާނީ އެއްބައިވަންތަކަން އަލުން އާލާކުރުމަށްކަމަށެވެ.

"ހުރިހާ ޖަމިއްޔާތަކަށް ޚާއްޞަކޮށްގެން ޖަމިއްޔާތަކުގެ ފޯރަމް ބާއްވާނެ. މިއީ ޖަމިއްޔާތަކުގެ އެތޭރޭގެ ހިންގުން ހަރުދަނާކޮށް ގުޅުން ބަދަހިކޮށް ގޮންޖެހުންތަކުން އަރައިގަތުމަށް ބާއްވާ ފޯރަމްއެއް. ޖަމިއްޔާތަކުގެ މައުލޫމާތު ލިބޭނެ ވެބް ޕޯޓަލްއެއް އުފެދިގެންދާނެ. މިކަން ފުރިހަމަވެގެން ދިޔުމުން އެކަން ހަރުދާނާވެ، ދައުލާތާއި އާއްމުފަރުދުންނަށް ޖަމިއްޔާތަކުގެ މައުލޫމާތުތައް ލިބި ހިންގަން ފަސޭހަވެގެންދާނެ." ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ދަރުމަވެރިންގެ ދަވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި 7 ޖަމިއްޔާއަކަށް ފައިސާގެ އެހީ ދީފައިވާއިރު، 2017 ވަނަ އަހަރު ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަދި ފާހަގަކުރެވޭ މަސައްކަތްތަކެއް ކޮށްފައިވާ 40 އަށްވުރެ ގިނަ ޖަމިއްޔާތަކަށް ހަނދާނީ ފިލާ ދީފައިވެއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ސްރީލަންކާގައި އޮތް ސާރކް ޔޫތު ސަމިޓުން ރާއްޖެއަށް ރީތި ނަން ހޯދާދީފައިވާތީ ރަފީ ޖަމިއްޔާއަށް ހޯމް މިނިސްޓްރީން ޚާއްޞަ އެވޯޑެއް ދީފައެވެ. މި އެވޯޑް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.