ވިޔަފާރި

ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ގެމަނަފުށީގައި ފަށައިފި


ގއ ގެމަނަފުށީ ވިޔަފާރިވެރިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހުން 21 ވަނަ ދުވަހާއި ހަމައަށްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ފައިސާ ގެންގުޅުމުގައި ސަމާލުކަން ދޭންވީ ކަންކަމުގެ މައްޗަށް އަލިއަޅުވާލާ ވިޔަފާރިވެރިންނަށް މައުލޫމާތުދޭނެއެވެ. މިގޮތުން ފިހާރަ ބަންދުކުރާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށާއި، ފިހާރަ ރަނގަޅަށް ތަޅުލެވެނުތޯ ޔަޤީން ކުރުންފަދަ ކަންކަމާ ގުޅޭގޮތުން މިޕްރޮގްރާމްގެ ތެރެއިން މަޢުލޫމާތުދޭނެއެވެ. އަދި ފުލުހުންގެ މަސައްކަތް އިތުރަށް ރަނގަޅުކުރުމަށް ކުރަންހުރި ކަންތައްތަކާއި ގުޅޭގޮތުން އާއްމުންގެ ޚިޔާލު ހޯދުންވެސް މިޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާނެކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމްގައި ގެމަނަފުށީގެ ވިޔަފާރިވެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށް ޕޮލިސް ސަރވިސަސްއިން މައުލޫމާތުދެއެވެ.