ވިޔަފާރި

ޔޫ އެންޑް މީ ބައި ކޮކޫން ރިސޯޓް ފެބްރުއަރީގައި ހުޅުވަނީ


ރ.އަތޮޅުގައި ހަދާފައިވާ މޫދު އަޑީގެ ފުރަތަމަ ރެސްޓޯރެންޓާއެކު ކޮކޫން އިންވެސްޓްމަންޓްގެ، "ޔޫ އެންޑް މީ ބައި ކޮކޫން" މިއަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ހުޅުވަން ނިންމައިފިއެވެ.

ރ.އަތޮޅު އުތުރުމާފަރުގައި ތަރައްޤީކުރާ "ޔޫ އެންޑް މީ ބައި ކޮކޫން" ރިޒޯޓަކީ ރާއްޖޭގެ ކުންފުންޏެއްކަމަށްވާ ކޮކޫން އިންވެސްޓްމަންޓުން ހުޅުވާ ދެވަނަ ރިޒޯޓެވެ.

ޔޫ އެންޑް މީ ބައި ކޮކޫންގެ މާރކެޓިން މެނޭޖަރ އަޓިލިއޯ އަޒޯލާ ބުނީ މިރިސޯޓަކީ މަޑުމައިތިރި މާހައުލެއްގައި ހިތްހަމަޖައްސާލާ، ދިރިއުޅުމުގެ ހަލަބޮލިކަމުން ދުރުވެ، އަރާމުކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ރިޒޯޓެއްކަމަށެވެ.

109 ކޮޓަރީގެ މިރިސޯޓުގައި 99 ވޯޓަރ ވިލާ އަދި ޕްރައިވެޓް ޕޫލަކާއެކު ހުންނަ 10 ސުއީޓްސްވެސް ހިމެނެއެވެ.

އެޗް.ޓޫ.އޯގެ ނަން ދީފައިވާ ކަނޑުއަޑީގެ ރެސްޓޯރަންޓެއް މިރިސޯޓުގައި ހަދާފައިވާއިރު، މިއީ ރާއްޖޭގައި ހުޅުވާ 6 ވަނަ ކަނޑުއަޑީގެ ރެސްޓޯރަންޓެވެ.

މޫދުގެ ރީތި މުރަކަތާއި މަސްތަކާއި ދިރުންތަކުގެ މަންޒަރުތަކާއެކު ކެއުމާއި ބުއިންތަކަށް އިންސާފްކުރެވޭ ކަނޑުއަޑީގެ ރެސްޓޯރެންޓުގެ އިތުރުންވެސް ހަތަރު ރެސްޓޯރެންޓެއް މިރިސޯޓުގައި ހުރެއެވެ. އަދި ޕޫލްތަކާއި ސްޕާގެ ހިދުމަތްވެސް ލިބޭއިރު، އިތުރު ހަރަކާތްތަކުގެ ގޮތުގައި އެކްސްކާޝަން، ސްކޫބާ ޑައިވިން، ވޯޓަރ ސްޕޯޓްސް، ރިޒޯޓު ކައިރި ރަށްރަށަށް އައިލެންޑް ހޮޕިންގައި ދިއުމުގެ ފުރުސަތާއި، ބިގް ގޭމް ފިޝިން، ސްނޯކްލިން އަދި ޑޮލްފިން ކްރޫޒްގެ ހިދުމަތްވެސް މިރިސޯޓުން ލިބޭނެއެވެ.

މިރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އިފުރު އެއަރޕޯޓަށް 45 މިނެޓުގެ ސީޕްލޭން ދަތުރެއް ކުރުމަށްފަހު ސްޕީޑް ބޯޓުގައި 20 މިނެޓުން ދެވޭ ރިސޯޓެކެވެ.

ކޮކޫންގެ ދެވަނަ ރިސޯޓް ރ އަތޮޅު އުތުރުމާފަރުގައި ތަރައްޤީކޮށްފައިވާއިރު އެކުންފުނީގެ ފުރަތަމަ ރިސޯޓަކީ ޅ.އަތޮޅު އޫކޮޅުފުށީގައި ތަރައްޤީކޮށްފައިވާ ކޮކޫން މޯލްޑިވްސްއެވެ. ފަސްތަރީގެ މި ރިޒޯޓުގައި 150 ވިލާ ހިމެނެއެވެ.