ޚަބަރު

އިމާރާތްތަކުގެ އިމުން ބޭރުން، އިމާރާތްތަކުގެ މައްޗަށް ވާޖަހައިގެން އެއްޗެހި އުފުލުން ވަގުތީގޮތުން މަނާކޮށްފި


މާލޭ ސިޓީގައި އިމާރާތްތަކުގެ އިމުން ބޭރުން، އިމާރާތްތަކުގެ މައްޗަށް ވާޖަހައިގެން އެއްޗެހި އުފުލުން ވަގުތީގޮތުން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ވިދާޅުވީ، ކައުންސިލުން މިގޮތަށް ނިންމީ، މިކަމާ ގުޅޭގޮތުން އާއްމުންގެ ޝަކުވާތައް އިތުރުވަމުންދާތީކަމަށެވެ. ޝަމާއު ވިދާޅުވީ މިގޮތަށް އިމާރާތުގެ މައްޗައް ތަކެތި އުފުލޭނީ ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި، ސިޓީ ކައުންސިލްގެ ޚާއްސަ ހުއްދަޔަކާއެކުކަމަށެވެ.

އެގޮތުން ސިޓީ ކައުންސިލްގެ ހުއްދަ ނެގުމަށްފަހު، ސިޓީ ކައުންސިލްގެ ފަރާތުން ސައިޓްތައް ޗެކް ކުރުމަށްފަހު ނޫނީ އެފަދަ މަސައްކަތް ނުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މަސައްކަތުގެ ކުޑަ ބޮޑުމިނަށް ބަލައި، މަގު ބަންދުކޮށްގެން ކުރަންޖެހޭނަމަ އެކަމުގެ ހުއްދަވެސް ދޫކުރާނީ ސިޓީ ކައުންސިލުން އެކަން ބެލުމަށްފަހުކަމަށް ޝަމާއު ވިދާޅުވިއެވެ.

ސިޓީ ކައުންސިލާއި ކަމާގުޅުންހުރި ފަރާތްތަކުން ގެންދަނީ އިމާރާތްކުރުމުގެ ދާއިރާގެ ރައްކާތެރިކަން، ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސައިޓްތަކަކީ ޤަވައިދާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ތަންތަންކަން ކަށަވަރުކުރުމަށް ޕްލޭނިންގ މިނިސްޓްރީއާއި މަލޭ ސިޓީ ކައުންސިލް ގުޅިގެން ވަނީ ޚާއްސަ އިންސްޕެކްޝަންތަކެއްވެސް ފަށާފައެވެ.