ޚަބަރު

ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް ފައިސާގެ އެހީ ދޭން ފަށައިފި


މާލެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް ފައިސާގެ އެހީގެ ދިނުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުން ފަށައިފިއެވެ.

ޑިޒާސްޓަރ މެނޭޖަމްންޓް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންޑީއެމްސީގެ މީޑިޔާ އޮފިޝަލް ހިސާން ޙަސަން ވިދާޅުވީ، ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކުގެ އެސެސްމަންޓު ހެދުމަށްފަހު 127 ގެއަކަށް ފައިސާގެ އެހީދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިއަދު 24 ގެއަކަށް ފައިސާ ޙަވާލުކޮށްފައިވާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ، ފައިސާ ޙަވާލުކުރުމުގައި ބަލަނީ އެސެންޓަރުން ކަނޑައަޅާފައިވާ ރިލީފް ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

ފައިސާ ހަވާލުކުރަނީ ރިލީފް ގައިޑްލައިނާ އެއްގޮތަށް. ލިބުނު ގެއްލުމުގެ 20 އިންސައްތަ އަދި ވިޔަފާރިވެރިންނާއި ކުންފުނިތަކުން ދިން ފައިސާގެ ތެރެއިން ލިބުނު ގެއްލުމުގެ 74 އިންސައްތަ ނިސްބަތުން ހުރިހާ ފަރާތްތަކަށް ބަހާލާ ލިބުނު ގެއްލުމުގެ 94 އިންސައްތަ އެފަރާތްތަކަށް ލިބޭ ކަހަލަ ގޮތަކަށް. މީގެއިން ދަޢުލަތުން އެއްވެސް ޚަރަދެއްކޮށްފައެއް ނުވާނެ. ހަމަ ކުންފުނިތަކުން ދިން ފައިސާއިން މިއެހީދެނީ" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ވިއްސާރައިގައި ފެންބޮޑުވެ ގެއްލުނު ލިބުނު 200 އަށްވުރެ ގިނަ ގޭގެ އެސެސްމަންޓް ހަދާފައިވާ ކަމަށާ، އެހެންނަމަވެސް، ފައިސާގެ އެހީ ދޭގޮތަށް އެސެސެމްންޓުން ދެއްކީ 127 ގެއަކަށް ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ގެއްލުންވި ގެއަށް، 45000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެންޑީއެމްސީއިން ބުނެއެވެ. އެސެންޓަރުން ބުނީ ފައިސާގެ އެހީ ހޯދުމަށް ލިޔެކިޔުންތައް ހިފައިގެން އައުމުން ކޮންމެ ދުވަހެއްގެވެސް މެންދުރު 14:30 އިން ފެށިގެން އެސެންޓަރުން އެހީ ދޫކުރަމުން ގެންދާނެ ކަމަށެވެ.

ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމިއްލަ ފަރާތްތަކުންނާއި، ވިޔަފާރިވެރިންނާއި، ކުންފުނިތަކުން އެހީގެ ގޮތުގައި އެކެއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާ ލިބިފައިވެއެވެ. މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، ގެތަކަށް ފެން ވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.