ޚަބަރު

ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހުރި މައްސަލަތަށް ޙައްލުކުރުމަށް މުހުލަތުތަކެއް ދޭން ފަށައިފި


މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކޮންސްޓްރަކްޝަން ސައިޓްތަކުގައި، ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ، އެ ކަންތައްތައް ރަނގަޅުކުރުމަށް، އިމާރާތްކުރާ ފަރާތްތަކަށް މުހުލަތުތަކެއް ދެމުންދާކަމަށް ޕްލޭނިންގް މިނިސްޓްރީއިން ބުނެފިއެވެ.

މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސައިޓްތަކުގެ ކަންކަން ހުރިގޮތް ބެލުމަށް، އިންސްޕެކްޓް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި، ޕްލޭނިންގް މިނިސްޓްރީއިން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ޕްލޭނިންގް މިނިސްޓްރީގެ ޓީމުތަށް މާލޭގެ އެކި ޒޯންތަކުގައި ޙަރަކަތްތެރިވާން ފަށާފައިވާއިރު، އެ ޓީމްތަކުން ދަނީ ކޮންސްޓްރަކްޝަންކުރާ އިމާރާތްތަކުގެ މަޢުލޫމާތާއި، ކޮންސްޓްރަކްޝަން ހުއްދައާއި، ސަލާމަތީ ފިޔަވަޅުތަކާ ބެހޭގޮތުން، މި ސައިތްތަކުގައި މަސައްކަތްކުރާ ފަރާތްތަކާ ސުވާލުކޮށް މަޢުލޫމާތު އެއްކުރަމުންނެވެ.

މި އިންސްޕެކްޝަންސްތައް ކުރުމަށް ޙަރަކާތްތެރިވާ ޓީމްތަކުން ބުނީ މާލޭގެ ކޮންސްޓްރަކްޝަން ސައިޓްތަކުގައި ގިނަ ކަންތަށްތަކެއް ރަނގަޅުކުރަން އެބަހުރި ކަމަށާއި، މި މައްސަލަތަށް ޙައްލުކުރުމަށް މުޙުލަތުތަކެއް ދެމުންދާކަމަށެވެ. އެގޮތުން ބައެއް އިމާރާތްތަކުގައި ބޭނުންކުރާ ސޭފްޓީ ނެޓު ހަލާކުވެފައި ހުރުމާއި އެކަށީގެންވާ ގޮތެއްގައި ނެޓު ނުޖަހާ ހުންނަކަން ފާހަގަވެފައިވާކަމަށްވެސް މި ޓީމުތަކުން ފާހަގަކުރެއެވެ. އަދި ގިނަ އިމާރާތްތަކުގައި ޖަހާފައިވަނީ އިމާރާތްކުރުމުގައި ސަލާމަތީގޮތުން ބޭނުންކުރަންޖެގޭ ސޭފްޓީނެޓްގެ ބަދަލުގައި އެހެންކަހަލަ ނެޓްތަކެއްކަންވެސް މި ޓީމްތަކުން ފާހަގަކުރެއެވެ. އަދި ކުރިން ހައުސިންގ މިނިސްޓްރީން ދޫކޮށްފައިވާ ސޭފްޓީ ބޯޑުތައް ބައެއް ސައިތްތަކުގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާއިރު، ބައެއް ސައިޓުތަކުގައި މަސައްކަތް ނިމުމަށްފަހުވެސް ކުންޏާއި އެނޫންވެސް ތަކެތި އެތަންތަނުން ނުނަގާ ހުރިކަންވެސް މި ޓީމުތަކުން ފާހަގަކުރެއެވެ.

މާލެ ސިޓީގައި ޢިމާރާތްކުރަމުންދާ ސައިޓުތަކުގެ ސަލާމަތީކަންކަން ކަށަވަރުކުރުމަށް ކުރަމުންދާ އިންސްޕެކްޝަންތަކުގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ސައިޓުތައް ބެލުމަށް 23 ޓީމެއް ޙަރަކާތްތެރިވަމުންދާކަމަށް މާލެސިޓީ ކައުންސިލުން ބުނެއެވެ.