ކުޅިވަރު

މައި ކަޕްގެ ފައިނަލްގައި ވާދަކުރާނީ އެންމެފަހުގެ ޗެންޕިއަން ޖަންގަލް އަދި މާރަންދޫ ޔޫތް ސޮސައިޓީ


12 ވަނަ މައި ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުން ޗެމްޕިއަން ޖަންގަލްއާއި މާރަންދޫ ޔޫތު ސޮސައިޓީ ޖާގަ ހޯދައިފިއެވެ.

ޖަންގަލް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޕެނަލްޓީގައި 9-8އިން ކުލަބު އިރަމާ ބަލިކޮށްގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ކުލަބު އިރާމައަށް ޖަހައިދިނީ އިސްޙާޤު ޢަބްދުއްސައްތާރެވެ. ޖަންގަލް އަށް މިޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ސާނިއުއެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި 1-0 އިން އަރާދުވާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ހޯދާފައިވަނީ މާރަންދޫ ޔޫތު ސޮސައިޓީންނެވެ.

މާރަންދޫ ޔޫތު ސޮސައިޓީއަށް މެޗުގައި ގޯލް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މުޙައްމަދު ސާޖިދެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭއެވެ.