ޚަބަރު

ދޯންޏެއްގެ ފަލްކާ ސާފުކުރަން އުޅެނިކޮށް ނޭވާލާން އުނދަގޫވެ ހާލުދެރަވި 2 މީހަކަށް ފަރުވާދޭން ފަށައިފި


މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ފަލުކާ ސާފުކުރަން އުޅެނިކޮށް ނޭވާލާން އުނދަގޫވެ ހާލުދެރަވި ދެ މީހަކަށް ހއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ހއ.އަތޮޅު ހޮސްޕިޓަލުން ބުނީ މި ދެ މީހުންގެ ތެރެއިން އެކަކުގެ ހާލު ދެރަކަމަށާ، އެ މީހާ އިތުރު ފަރުވާއަށް ހދ.ކުޅުދުއްފުއްޓަށް ގެންދިއުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި އަނެއް މީހާގެ ހާލު ރަނގަޅުވަމުންދާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. މި ދެމީހުންނަކީވެސް ދެ ދިވެހިންނެވެ.

އެމްއެންޑީއެފުން ބުނީ ހއ ތުރާކުނު ހުޅަނގު އުތުރުން 12 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ޢާރކް" ނަމަކަށް ކިޔާ ދޯންޏެއްގެ ފަލްކާ ސާފުކުރަން ފޭބި އެ ދޯނީގެ 2 ފަޅުވެރިއަކަށް ނޭވާލާން އުނދަގޫވެ ހާލު ދެރަވާންފެށިކަމުގެ ޚަބަރު އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު އިރުއޮށްސި 6:40 ހާއިރު ކަމަށެވެ. އަދި މި ޚަބަރު ލިބުމާއެކު މެޑިކަލް ޓީމަކާއެކު ހޯރަފުށި ސީއެމްބިއުލަންސް އެ ދޯނި އޮތް ސަރަހައްދަށް ދިޔަކަމަށެވެ. އަދި އެމްއެންޑީއެފް ނޮދަންއޭރިޔާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ދެ މީހުން ދިއްދޫއަށް ގެންގޮސްފައިވަނީ މިރޭ 8:35 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.