ޚަބަރު

ބާރަށުގެ ބަނދަރުގެ މަސައްކަތް ކުރިއަށް އޮތް 2 މަސް ތެރޭ ނިންމަނީ


ހއ ބާރަށުގައި ހަދަމުންދާ ބަނދަރުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސްތެރޭ އެއްކޮށް ނިންމާލެވޭނޭ ކަމަށް ބާރަށު ކައުންސިލުން ބުނެފިއެވެ.ބަނދަރުގެ ކޮންޓްރެކްޓަރ އެމް ޓީ ހޯގާޑާއި ހަވާލާދީ، ބާރަށު ކައުންސިލުން ބުނީ ބަނދަރުގައި ކުރަންޖެހޭ މައިގަނޑު ބޮޑެތި މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.ބާރަށު ބަނދަރު ހެދުމަށް ދައުލަތުގެ ބަޖެޓުން ވިހި މިލިއަން ރުފިޔާ ޚަރަދުވާއިރު، މި ބަނދަރަކީ ޔޮޓް މެރީނާ އަކާއެކު ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ ބަނދަރުކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.ރާއްޖޭގެ އެހެން ބަނދަރުތަކާއި ޚިލާފަށް ބާރަށުގައި ހަމައެކަނި ޖެޓީ އަޅައިގެން ތަރައްގީކުރާ ބަނދަރުގެ ސަބަބުން ބާރަށުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނޭ ކަމަށް ބާރަށު ކައުންސިލުން ބުނެއެވެ.ބަނދަރުގައި ދެން އޮތީ ޖެޓީއަށް ކަރަންޓް ފޯރުކޮށްދިނުމާއި، ޖެޓީ އިތުރަށް ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކުދި ކުދި މަސައްކަތްތަކެއްކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.ހައުސިން މިނިސްޓްރީން ބުނީ ބާރަށުގައި މިފަދަ ބަނދަރެއް ހެދެނީ ގުދުރަތީ ގޮތުން ރަށް އުފެދިފައިވާ ގޮތުންކަމަށާއި، ރަށުގެ ފަޅުން އިޤްތިޞާދީ ނަފާ ހޯދާދޭ ފަދަ ގޮތަކަށް ބަނދަރުތައް ތަރައްގީކުރުމަކީ އެމިނިސްޓްރީން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.