ޚަބަރު

ގދ. ތިނަދޫގައި އަޅާ ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ގުޅޭ ގޮތުން މަޝްވަރާކޮށްފި


ގދ. ތިނަދޫގައި އަޅަން ނިންމާފައިވާ ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރު އެޅުމާ ގުޅޭ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީއިން ތިނަދޫ ކައުންސިލާ މަޝްވަރާކޮށްފިއެވެ.

ތިނަދޫ ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އެކައުންސިލްގެ ރައީސް، އިބްރާހިމް އައްސަދުއާއި ޑްރަގް އެޖެންސީގެ އިސް ވެރިން ބައިވެރިވެފައިވެއެވެ.

ތިނަދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ޚިދުމަތް ދޭން ނިންމާފައިވަނީ އެރަށު ބާ އިންޖީނުގެ ހުރި އިމާރާތުގައެވެ. އެ އިމާރާތް މީގެ ކުރިން ބޭނުންކުރަމުންދިޔައީ ސިފައިންގެ ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް ދިނުމަށެވެ.

ތިނަދޫގައި ޑިޓޮކްސްސިފިކޭޝަން ސެންޓަރެއް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ސެންޓަރުގެ މަސައްކަތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައިވެސް ވަނީ ހިމަނާފައެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެ ސެންޓަރުގެ ޚިދުމަތްތަކަށް އެއް މިލިއަން ރުފިޔާ ހިމަނާފައިވާއިރު މީގެ ކުރިން ތިނަދޫ ކައުންސިލުން ބުނެފައިވަނީ، އެ އިމާރާތުގައި ޚިދުމަތް ދޭން ފެށުމަށްޓަކައި ކުރަންޖެހިފައިވަނީ ކުޑަކުޑަ މަރާތު ތަކެއް ކަމަށެވެ. އަދި އެ މަރާމާތުތަކަށްފަހު، ވަރަށް އަވަހަށް ޚިދުމަތްދޭން ފެށޭނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި މަރާމާތުތަކަށްފަހު ވަރަށް އަވަހަށް ޚިދުމަތް ފެށުމަށް ނިންމާފައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީންވެސް ވަނީ ބުނެފައެވެ.

ތިނަދޫ ކައުންސިލުން ބުނީ، ޑިޓޮކްސްސިފިކޭޝަން ސެންޓަރު އެޅުމަށްޓަކައި ކަނޑައަޅާފައިވާ އިމާރާތަކީ ޖާގަ ބޮޑު، އަދި ރަށުގެ މެދު ތެރޭގައި ހުންނަ އިމާރާތަކަށްވުމުން، އެއީ މިހާރު އެ ރަށުގައި ހުރި، އެކަމަށް އެންމެ އެކަށީގެންވާ އިމާރާތްކަމަށެވެ.