ކުޅިވަރު

ޔޫތު މިނިސްޓަރ ބ.އަތޮޅުގެ 5 ރަށަކަށް ޒިޔާރަތްކުރައްވައިފި


ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ބ.އަތޮޅައް މިހާރު ކުރައްވަމުންގެންދަވާ ދަތުރު ފުޅުގައި އެއަތޮޅުގެ 5 ރަށަކަށް ޒިޔާރަތްކޮށް އެރަށްރަށުގައި ހުރި ކުޅިވަރު ކުޅޭ ތަންތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

މި ދަތުރު ފުޅުގައި މިނިސްޓަރ ވަނީ އެއަތޮޅުގެ ދޮންފަނާއި ދަރަވަންދުއާއި ހިތާދޫގެ އިތުރުން މާޅޮހަށާއި އޭދަފުއްޓަށް ޒިޔާރަތް ކުރައްވާފައެވެ. އަދި މިނިސްޓަރ ވަނީ މި ރަށްރަށުގެ ކައުންސިލްތަކާއި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކާއި ކްލަބް ޖަމްޢިއްޔާތަކާ ބައްދަލުކުރައްވާ، ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ހުރި ދަތިތައްވެސް އޮޅުންފިލުއްވާފައެވެ. މިހާރުން މިހާރަށް ބޭނުންވާ ކަންތައްތައް އޮޅުންފިލުއްވާ އެކަންތައްތައް ވީ އެންމެ އަވަހަކަށް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ. އަދި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއާ ގުޅުންހުރި ކަންތައްތަކުގެ މަޢުލޫމާތުވެސް މިނިސްޓަރ ވަނީ ކައުންސިލްތަކާ ހިއްސާކުރައްވާފައެވެ.

ޔޫތް މިނިސްޓަރ މަޙްލޫފްގެ މި ދަތުރުފުޅުގައި، ބ.އޭދަފުށީގައި އަމިއްލަ ފަރާތަކުން އަޅައިދޭ ފުޓްބޯޅަ ދަނޑު ބާއްލަވާ ލެއްވުމަށްފަހު، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ރަށްރަށުގައި ކުޅިވަރުގެ ޙަރަކާތްތައް ކުރިއެރުވުމަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުރިކަމަށާ، އެކަންކަން ހައްލު ކުރުމަށް މިނިސްޓްރީން ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މިދަތުރުފުޅުގެ ސަބަބުން، މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަތޮޅެއްގައި ބާއްވާ މުބާރާތްތަކަށް ލިބޭ ދައުވަތެއްގައި ރައްރަށަށް މިދަނީ އެހެން ވީމަ ވަރަށް ބޮޑަށްފަސޭހަ ވެގެންދޭ މަސައްކަތްތަކަށް. ވަކިން ޚާއްޞަކޮށް ކައުންސިލްތަކާ ރައްރަށަށް ގޮސް ބައްދަލު ކުރުން މީ މާރަގަޅު ގޮތެއްކަމަށް ދެކެން. އޭރުން ރައްޔިތުންނާ ގާތުން ބައްދަލުވެ ވަކިން ޚާއްޞަކޮށް ޒުވާނުންނާ ކުޅިވަރު ކުރިއަރުވާ ފަރާތްތަކާ ބައްދަލު ވުމުން އެމީހުންގެ އިޙްސާސްތައްވެސް އެނގިގެންދާނެކަމަށް ޤަބޫލްކުރަން" ޔޫތު މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

ޔޫތް މިނިސްޓަރ ވަނީ ކުޅިވަރުގެ ދާއިރާގެ އިތުރުން، އެކި ދާއިރާތަކުން ރައްޔިތުންނަށް ކުރިމަތި ވެފައިވާ ދަތިތައް އޮޅުން ފިލުއްވާ، އެކަންކަން ހައްލު ކުރުމަށް ސަރުކާރުގެ ލެވަލްގައި މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ކައުންސިލްތަކަށް ދެއްވާފައެވެ. މިދަތުރު ފުޅުގައި މިނިސްޓަރ ވަނީ ހިތާދޫ ކައުންސިލްގެ ފަރާތުން ހަދާފައިވާ ފެރީ ޓާމިނަލްވެސް ހުޅުއްވާ ދެއްވާފައެވެ.