ޚަބަރު

ޔަމަން ރައްޔިތުންނަށް އެހީވުމަށް ކުޅުދުއްފުށީގައި ފަންޑު ފޮށިތަކެއް ބަހައްޓައިފި


ހަނގުރާމާގެ ސަބަބުން ހާލުގައި ޖެހިފައިވާ ޔަމަންގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކުޅުދުއްފުށީގައި ފަންޑުފޮށިތަކެއް ބަހައްޓައިފިއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ކުޅުދުއްފުށީ އައިލެންޑް ފްރީޒް ފިހާރަ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދާ މި ފަންޑް ހޯދުމުގެ ހަރަކާތް އިފްތިތާހްކޮށްފައިވަނީ މިއަދު ހެނދުނު މިކަމަށްޓައި ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީއާރުސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭންގެ "ހެލްޕް ޔަމަން މޯލްޑިވްސް" ފަންޑަށް ފައިސާ ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތުގެ ދަށުން ކުޅުދުއްފުށީގައި 10 ފަންޑު ފޮށި ބަހައްޓާފައިވާއިރު ކުޅުދުއްފުށީގެ އެކި ފިހާރަތަކުގައި އަންނަމަހު 20 ވަނަދުވަހާ ހަމައަށް މި ފަންޑް ފޮށިތައް ހުންނާނެ އެވެ. ފޮށިތައް ކަނޑައި ރުފިޔާ ގުނުމުގެ ކަންކަންވެސް ކުރިއަށްދާނީ އާންމުންނަށް ހުޅުވާލާއިގެން ވީހާވެސް ދެފުށް ފެންނަގޮތަށްކަމަށް މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.

ޔަމަނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ރާއްޖޭގެ އެކި ރަށްރަށުގެ ވިޔަފާރިވެރިންނާއި، ޖަމިއްޔާތަކުން ދަނީ ގުޅެމުންނެވެ. މި ކެމްޕޭންގެ ދަށުން އެއްކުރެވޭ ފައިސާ ޔަމުގެ ހާލުގައި ޖެހިފައިވާ މީހުންނަށް ދިނުމަށް ހަމަޖެހިފައވަނީ ތުރުކީގެ އީހާހާ ޖައްމިއްޔާ މެދުވެރިކޮށްކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން މައުލޫމާތުދެއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނަކީ 2016 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހެމުންދާ ފަރާތްތަކަށް އެހީވުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ ޖަމިއްޔާއެކެވެ. އެގޮތުން މީގެކުރިންވެސް ސޫރިޔާ، މިޔަންމާ، ޣައްޒާ ފަދަ ސަރަހައްދުތަކުގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީ ހޯދުމަށް ތަފާތު ހަރަކާތްތައް ހިންގައި، އެ ޖަމިއްޔާއިން ވަނީ އިންސާނީ އެހީ ދީފައެވެ.