ޚަބަރު

ބިދޭސީންގެ ޙައްޤުތަކަށް އުނިކަންއަންނަ ކަންކަން ރާއްޖޭގައި އެބަހުރި - އެޗް.އާރު.ސީ.އެމް


ޤާނޫނުއަސާސީއާ ޤާނޫނުތަކުން ބިދޭސީ މަސައްކަތެރީންގެ ޙައްޤުތައް ކަށަވަރުކޮށްދީފައިވީނަމަވެސް ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތަކަށް އުނިކަން އަންނަ ކަންކަން އެބަހުރިކަމަށް ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރސީއެމުން ބުނެފިއެވެ. އެކޮމިޝަނުން މިހެން ބުނެފައިވަނީ "އިންޓަނޭޝަނަލް މައިގްރެންޓްސް ޑޭ" އާއި ގުޅުވައިގެން ނެރެފައިވާ ބަޔާނެއްގައެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި "އިންޓަނޭޝަނަލް މައިގްރެންޓްސް ޑޭ" ގެ ނަމުގައި ޚާއްޞަ ދުވަހެއް ފާހަގަކުރުމުގެ މަޤްޞަދަކީ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރަމުންދާ ގައުމުތަކުގެ ތަރައްޤީގައި އަދާކުރާ ޙިއްޞާގެ އަގުވަޒަންކުރުމާއި، އެފަރާތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ، އެގޮންޖެހުންތައް ޙައްލުކުރުމުގެ ގޮތުން ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކަށް މުޖްތަމަޢު ހޭލުންތެރިކުރުމާއި، އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބާރުއެޅުމެވެ.

ދުވަހާ ގުޅުވައިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ވަޒީފާއާއި ބެހޭ ގާނޫނާއި، އިމިގްރޭޝަން ގާނޫނާއި، އެންޓި ހިއުމަން ޓްރެފިކިން ގާނޫނުގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނާބެހޭ ޤަވާއިދުގައި ބިދޭސީ މަސައްކަތެރީންގެ ޙައްޤުތައް ކަށަވަރުކޮށްދީފައިވާކަމަށެވެ. ނަމަވެސް މިޤާނޫނުތަކުގައި ކަށަވަރުކޮށްދޭ ޙައްޤުތަކަށް އުނިކަން އަންނަގޮތަށް ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ތަފާތު މައްސަލަތައް ހުރިކަން އެކޮމިޝަނުން ފާހަގަކުރެއެވެ.

އެގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ބިދޭސީ މަސައްކަތްތެރީންނާ ގުޅޭގޮތުން އެކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ދިރިއުޅުމަށް އެކަށީގެންނުވާ ތަންތާގައި ބިދޭސީ މަސައްކަތްތެރީން ގެންގުޅުމާއި، އެކަށީގެން ނުވާ މާޙައުލެއްގައި މަސައްކަތްކުރަން ޖެހުމާއި، މަސައްކަތުގެ މާޙައުލުގައި ތަފާތުކުރުމާއި، ފުރައްސާރަކުރުމާއި، ވަޒީފާގެ މާޙައުލުގައި ބޭނުންވާ ސަލާމަތީ އާލާތްތައް ފޯރުކޮށްދީފައި ނުވުމުގެ މައްސަލަތައް ހިމެނޭކަމަށް އެޗްއާރސީއެމުން ބުނެއެވެ. މީގެ އިތުރުން މަސައްކަތްކުރުވާ ފަރާތްތަކުން އެފަރާތްތަކުގެ ޕާސްޕޯޓު އަތުލުމާއި، ވިސާ ފީ ނުދެއްކުމާއި މަސައްކަތުގެ އުޖޫރަނުދިނުމުގެ މައްސަލަތައް ހިމެނޭކަން އެޗްއާރސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިކަންކަން ޙައްލުކުރުމަށްޓަކައި ޤާނުނުތަކާއި ޤަވާއިދުތައް ފުރިހަމައަށް ތަންފީޒުކުރަންޖެހޭކަމަށް އެޗްއާރުސީއެމްއިން ބުނެއެވެ. އަދި މަސައްކަތްކުރުވާ ފަރާތްތައް ޒިންމާދާރުކުރުވައި، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން މުހިންމުކަމަށް އެޗްއާރސީއެމުން ބުނެއެވެ.

ދިވެހިރާއްޖެއަށް ބިދޭސީން މައިގަނޑުގޮތެއްގައި ހިޖްރަކުރަނީ މަސައްކަތްތެރީންގެ ގޮތުގައެވެ. އެގޮތުން 2014 ވަނަ އަހަރުގެ ބޯހިމެނުން ދައްކާގޮތުން، ދިވެހިރާއްޖޭގައި ފަސްދޮޅަސްހާސް ބިދޭސީ މަސައްކަތްތެރިން ދިރިއުޅެއެވެ. މިއީ މަސައްކަތް ކުރާ އަބާދީގެ 28 އިންސައްތައެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެކަށީގެންވާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލެވިފައިވެއެވެ. މިގޮތުން އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދީފައިވެއެވެ.

ބަވަނަވެފައިވާ ދުނިޔޭގައި މުއާސަލާތާއި ދަތުރުފަތުރުކުރުމުގެ ތަރައްޤީއާއިއެކު އެއްޤައުމުން އަނެއް ޤައުމަށް ހިޖުރަކުރާ މަސައްކަތްތެރިންގެ އަދަދު ދުވަހެއްދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން އދ. އިން އަންދާޒާކުރާ ގޮތުގައި 2018 ވަނަ އަހަރާހަމަޔަށް 258 މިލިއަން މީހުން މައިގްރެންޓްސްގެ ގޮތުގައި ނިސްބަތްވާ ޤައުމު ނޫން އެހެން ޤައުމުތަކުގައި ދިރިއުޅެއެވެ.