ވިޔަފާރި

ކޮންސްޓްރަކްޝަން މަސައްކަތްކުރުމާ ގުޅޭ ޤާނޫނެއް މުހިއްމު- މަސީ


ކޮންސްޓްރަކްޝަން ދާއިރާގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށްޓަކައި ޤާނޫނެއް ބޭނުންވާކަމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ބުނެފިއެވެ.

މަސީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން މަސީގެ ނައިބު ރައީސް އަދްނާން ހަލީމް ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމަށް މަސީން 2014 ވަނަ އަހަރު ބިލެއް އެކުލަވާލައި، ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ. މިއީ ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރައްވާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސީން އެކުލަވާލި ބިލަކަށް ވުމާއިކު މިބިލް ފާސްކޮށް ސަރުކާރުން މި ބިލް ތަސްދީޤުކުރުމަކީ މަސީގެ ވަރަށް ބޮޑު އެދުމެއްކަމަށް އަދްނާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރާއްޖޭގައި ޑަބްލިއު އެޗްއޯގެ އެހީއާއި އެކީގައި މިނިސްޓްރީ އޮފް ހެލްތުން ފުރަތަމަ އޭގެ މަސައްކަތް ފެށީ ދިވެހިރާއްޖޭގެ ހެލްތް އެންދް ސެކިއުރިޓީގެ ޤާނޫނެއް ހަދަންވެގެން. އޭގެ ޑްރާފްޓް ބިލް މިހެދީ. ބިލް ހަދާފަ ފަހުން އެމަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކްއަށް ބަދަލުވެ އެމަސައްކަތް ރިވިއުކުރުމަށްފަހު މިހާރު އެބިލް ފޮނުވިފައި އޮތީ އޭޖީ އޮފީހަށް. މިއީ ދުނިޔޭގެ ފެންވަރުގައި ހަދާފައި ހުރި ޤާނޫނުތަކަށް ބަލައިގެން އެޤާނޫނުތައް ތަރުޖަމާކޮށްގެން ދިވެހިރާއްޖޭގެ މާހާއުލާ ފެތޭ ގޮތަށް ހަދާފައިވާ ބިލެއް. މިއީ އެކްސްޕާރޓުންގެ ދައުރެއް އޮންނަ ކަމަކަށް ވާތީ ވީހާވެސް އަވަހަކަށް މިބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަކީ މިއީ މަސީގެ ވަރަށް ބޮޑު އެދުމެއް" އަދްނާން ހަލީމް ވިދާޅުވިއެވެ.

ޕްރެސް ކޮންފެރެންސްގައި ވާހަކަދައްކަވަމުން މަސީގެ ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ އިމާރާތްކުރުމުގައި ދިމާވާ މިފަދަ ހާދިސާތަކަކީ ގަވާއިދުތަކަށް ނުބަލާ، ފަރުވާ ކުޑަކުރުމުގެ ސަބަބުން ދިމާވާ ހާދިސާތަކެއްކަމަށެވެ. އެހެންކަމުން މިކަމަށް އެދެވޭ ހައްލެއް ގެނެވޭނީ ކޮންޓްރެކްޓަރުންވެސް ހޭލުންތެރިވެގެންކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީއަކީ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކެއްގެ މައްޗަށް އެކުލެވޭ ޖަމްޢިއްޔާއެކެވެ.

އިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަލަމަތީ ކަންކަން ބެލެހެއްޓުމަށް މަސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މަސީން ވަނީ ކޮންޓްރެކްޓަރުންނަށް ޚާއްސަކޮށްގެން އަތްމަތީ ފޮތެއްވެސް އެކުލަވާލާފައެވެ.