ސިޔާސީ

ޑިފެންސް މިނިސްޓަރ ދިރިއުޅުއްވާ ގެކޮޅު ފުލުހުން ބަލައި ފާސްކޮށްފި


މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާރނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ރޭ ވަދެ ބަލާ ފާސްކޮށް، ތަޙުޤީޤަށް ބޭނުންވާ ބައެއް ތަކެތި ނަގާފާއިވާ ކަމަށް ފުލުހުން ބުނެފިއެވެ.އިސްކަންދަރުކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާން ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލަޔަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ތިންގަޑި ފަނަރަ ހާއިރު ގ.އެނިފް ގެ އަށްވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓް ބަލާ  ފާސްކޮށްފައިވާ ކަމަށެވެ. އަދި ބަލާ ފާސްކުރި ދެ އެޕާރޓްމަންޓުގެ ތެރެއިން އެއް އެޕާޓްމަންޓުން ފުލުހުންގެ ތަޙުޤީޤަށް ބޭނުންވާ ބައެއް ތަކެތި ނަގާފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.ޑިފެންސް މިނިސްޓަރ ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަދެ ބަލައި ފާސްކުރުމުގައި މިނިސްޓަރަށް ދެއްވަންޖެހޭ އިހްތިރާމާއި ގަދަރު ފުލުހުން ދީފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިމައްސަލަޔާ ގުޅޭ މާބޮޑު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިމައްސަލައާއި ޑިފެންސް މިނިސްޓަރާއި ގުޅުމެއްވާކަން ނުވަތަ ނޫންކަންވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.