މާލޭގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ވީ އެންމެ އަވަހަކަށް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އަމުރުކުރައްވައިފިއެވެ.
ރައީސް ޞާލިޙު މިގޮތަށް ވިދާޅުވެފައި މިވަނީ މާފަންނު ނަލަހިޔާ ކައިރީގައި އިމާރާތްކުރަމުންދާ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ ކުޑަ ކުއްޖަކު ޒަޚަމްވެފައި ވަނިކޮށެވެ. ރައީސް ޞާލިޙު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހިނގާދިޔަ ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީގު ކުރުމަށް އަންގާފައިވާ ކަމަށެވެ.
ރައީސް ޞާލިޙު ވިދާޅުވީ މަގުމަތީގައި ހިނގާބިނގާވެ އުޅޭ ޢާއްމުންނާއި ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިމާރާތް ކުރާ ސައިޓްތަކުގައި ސަލާމަތީ ކަންކަން ހުރި ނެތްގޮތް ބަލަން ވަގުތުން އިންސްޕެކްޝަން ފެށުމަށް އަންގާފައިވާނެ ކަމަށެވެ.
ރައީސް ޞާލިޙު ވަނީ އަނިޔާވި ކުޑަ ކުއްޖާގެ އާއިލާއެކު އެމަނިކުފާނު ހުންނެވި ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ވަނީ އެ ކުއްޖާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.
ސިމެންތި ބަސްތާ ބޮލަށް ވެއްޓުނު ކުޑަ އަންހެން ކުއްޖާގެ ޙާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ. މިކަމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ޒަޚަމްވި ކުޑަކުއްޖާއަކީ ބަންގްލަދޭޝް ދެ ޑޮކްޓަރެއްގެ ދަރިއެއް ކަމަށެވެ. އަދި އެ ކުއްޖާގެ މަންމައާއި ބައްޕައަކީ ފ. އަތޮޅު ރަށެއްގައި މަސައްކަތް ކުރާ ދެ ޑޮކްޓަރުން ކަމަށާއި މާލެ އައިސް އުޅެނީ ޗުއްޓީއެއްގައި ކަމަށް ޝިފާ ވިދާޅުވިއެވެ.