ޚަބަރު

ރިޔާސީ އިންތިޚާބަށް ދެ ކެންޑިޑޭޓުންވެސް ޚަރަދުކުރީ ގާތްގަނޑަކަށް އެއްވަރަކަށް - އީސީ


ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އިންތިޚާބަށް ޚަރަދުކޮށްފައިވަނީ ގާތްގަނޑަކަށް އެއްވަރަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ބާ ޖަމާލުއްދީނުގައި އިލެކްޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންވެސް އިލެކްޝަންސް ކޮމިޝަނަށް މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މިހާރު އެ މާލީ ބަޔާންތައް ދިރާސާ ކުރަމުންދާ ކަމަށާއި މާލީ ބަޔާނުގައި އޮޅުންތަކެއް ހުރި ކަމަށް ފާހަގަކުރެވޭނަމަ ދެ ބޭފުޅުންނާއިވެސް ސުވާލު ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ދެ ބޭފުޅުންގެ މަންދޫބުންނާއި އޮޑިޓަރުންގެ ފަރާތުން ސާފުކުރަންޖެހޭ މަޢުލޫމާތު އެބަހުރި ކަމަށާއި އެކަމާ ގުޅޭ މަޢުލޫމާތު މިހަފްތާ ތެރޭގައި ސާފު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"މާކަބޮޑު ތަފާތު ދެ ޢަދަދެއް ނޫން ދާދި ހަމަހަމަ ދެ ޢަދަދެއް ދެ ކެންޑިޑޭޓުންވެސް ޚަރަދު ކުރައްވާފައިވާ ކަމަށް އެބޭފުޅުންގެ މާލީ ބަޔާންތަކުން އަޅުގަނޑުމެންނަށް ފެންނަން އޮތީ،" ޝަރީފް ވިދާޅުވިއެވެ.

ދެ ބޭފުޅުން ޚަރަދުކުރި ފައިސާއަކީ ސައްޙަ ފައިސާ ކަމެއް ނުވަތަ ނޫން ކަމެއް އެނގިނުލައްވާ ކަމަށާއި އިލެކްޝަނުން ބަލާނީ ޤާނޫނީ އެ ކޮމިޝަނުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންތައްތައް ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މާލީ ބަޔާނުގައި ދެ ބޭފުޅުންވެސް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓް ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ފުލުހުންގެ އިދާރާއިން ކުރީގެ ރައީސް ޢަބްދުﷲ ޔަމީންގެ އެކައުންޓަކަށް އެކި ފަހަރުމަތިން ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައެވެ. ޝަރީފް ވިދާޅުވީ އެއްވެސް އިދާރާއަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ތަޙްޤީގަކަށް ބޭނުންވާ ނަމަ އިލެކްޝަންގެ ފަރާތުން އެ އެއްބާރުލުމެއް ދޭނެ ކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވި މުއްދަތުގެ ތެރޭގައި ޤާނޫނާއި ޚިލާފަށް މާލީ މުޢާމަލާތްތަކެއް ކުރި ކަމަށް ތުހުމަތު ކުރެވިގެން ދަޢުލަތުގެ އިދާރާތަކުން ފުލުހުންގެ އިދާރާއަށް ވަނީ މައްސަލަތަކެއް ހުށަހަޅާފައެވެ. އަދި އޭގެތެރެއިން ބައެއް މައްސަލަތަކުގެ ތަޙްޤީގަށް ސުވާލު ކުރެއްވުމަށް ރައީސް ޔާމީން އިއްޔެ ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވެސް ކޮށްފައެވެ. އެ މައްސަލާގައި ރާއްޖޭގައި ހުރި ބޭންކުތަކުގައި ރައީސް ޔާމީން ހުޅުވާފައިވާ އެކައުންޓުތައް ވަނީ ފްރީޒުވެސް ކޮށްފައެވެ. ފުލުހުން ބުނީ 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފްރީޒުކޮށްފައިވާ ކަމަށެވެ.