ޚަބަރު

ތަރައްޤީއަށްޓަކައި ޤުދުރަތީ ވެށި ޤުރުބާނެއް ނުކުރާނަން - ރައީސް


ތަރައްޤީއަށްޓަކައި ރާއްޖޭގެ ޤުދުރަތީ ވެށި ޤުރްބާން ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެތެރޭގައި ހިމަނައިގެން ކުރިއަށް ގެންދަވާ "ރަށް ފެހި" ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ހުޅުމާލެ ފޭސް 2 ގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ "ރަށް ފެހި" ޕްރޮގްރާމަކީ ރާއްޖެއަށް ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ޕްރޮގްރާމެއްކަމަށެވެ. މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމަކީ، މިވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ މުހިންމު އެއް ކަންތައްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ "ރަށް ފެހި" ޕްރޮގްރާމް ފެށިގެން މިދިޔަ ދުވަސްވަރަކީ ރާއްޖޭގެ އެކި ރަށްރަށުން ގިނަ އަދަދަކަށް ރުއްގަސް ކެނޑުމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ގަސް ކެނޑުމާއި ރަށްތައް ހަނަފަސްކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެވޭނީ، ތިމާވެއްޓާ ގުޅޭ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކޮށްގެންކަމަށެވެ.

"މިއީ ތިމާވެށި ޙިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަންތަކުގެ ތެރެއިން، ފުރަތަމަ 30 ދުވަހުގެ ތެރޭގައި ތަންފީޒުކުރެވޭ ދެވަނަ ކަންތައް. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ގަސް އިންދަން ފެށުމުގެ ތައްޔާރީތައް އެންވަޔަރްމެންޓް މިނިސްޓްރީން މިހާރު އެ ގެންދަވަނީ ކުރައްވަމުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެއް ރަށް ފެހި ކުރުމަށްޓަކައި، އަނެއް ރަށް ހަނަފަސްކޮށްލުމަކީ، އެމަނިކުފާނުގެ ސަރުކާރުން ޤަބޫލުކުރާ ހަމައެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިންދާ 100 ރުކާއި 150 ގަހަކީ އެއްވެސް ރަށަކުން ނަގައިގެން އިންދާ ރުއްގަސްތަކެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ މީހަކު ވެސް، އެމީހެއްގެ ގޯތީގައި އެންމެ ގަހެއް ވިޔަސް އިންދެވުމަށް ގޮވާލައްވާފައެވެ. އަދި، ވަކިން ޚާއްސަކޮށް، ކާބޯތަކެތި އަޅާ ގަސްތަކާއި، ކެއުމަށް ބޭނުންކުރާ ފަތްޕިލާވެލި ލިބޭ ފަދަ ގަސްތައް ގިނަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ރަށް ފެހި" ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުމުގެގޮތުން ބޭއްވެވި ގަސް އިންދެވުމުގެ ޙަރަކާތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ގަސް އިންދަވާފައެވެ.