ޚަބަރު

ދުވާފަރާއި ވިލުފުށީގެ ގެތައް ރަޖިސްޓްރީކުރުމަށް ހުޅުވާލަނީ


ސުނާމީއާ ގުޅިގެން، ރ. ދުވާފަރާއި ތ. ވިލުފުށީގައި ރަޖިސްޓްރީ ނުކޮށް ހުރި ގެތައް ރަޖިސްޓްރީކުރުމަށް އަންނަ ހަފުތާތެރޭގައި، ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.ސުނާމީގެތައް ހަވާލު ކުރުމަށްފަހު އެ ޕްރޮޖެކްޓާބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން،މިނިސްޓަރ ވިދާޅުވީ އެޓާރނީ ޖެނެރަލްގެ ލަފަޔާއެކު އެގެތައް ރަޖިސްޓްރީ ކުރާނެ ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށާއި، އެ ދެ ރަށުގެ ކައުންސިލާއި ގުޅިގެން އަންނަ ހަފްތާތެރޭގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިހާރު ހަމަޖައްސާފައިވަނީ، ކުރިން ވެސް އެގޭގެ ވެރި ފަރާތަށް ގެ ރަޖިސްޓްރީކޮށްދޭ ގޮތަށް ކަމަށާއި އެ ފަރާތް ދުނިޔޭގައި ނެތް ނަމަ ގާނޫނީ މަރުހަލާގެ ތެރެއިން އެކަން ހަމަޖެހިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ބައެއް އާއިލާތަކަށް ދެ ގެ ދީފައިވާ އިރު އެ ގެތައް ރަޖިސްޓްރީކުރުމަށް ހަމަޖައްސާފައި ވަނީ އާއިލާތަކުގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމައިގެން ކަމަށާއި އެ ގޮތަށް ހައްލު ނުލިބިއްޖެ ނަމަ އެކަން ވެސް ދެން ކުރަންޖެހޭނީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.ދުވާފަރާއި ވިލުފުށީގައި އިމާރާތްކުރި ގެތައް ރައްޖިސްޓްރީނުކުރެވި މައްސަލަތައް ކުރިމަތިވީ އޭރު ގެންގުޅުނު އުސޫލުގެ ސަބަބުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.