ޚަބަރު

ރައީސް ޞާލިޙް، "ރަށްފެހި ޕްރޮގްރާމް" އިފްތިތާޙު ކޮށްދެއްވައިފި


މުޅި ރާއްޖެ ފެހިކުރުމަށް ހިންގާ ޤައުމީ ޙަރަކާތް "ރަށްފެހި ޕްރޮގްރާމް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިފްތިތާޙުކޮށްދެއްވައިފިއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖެ ފެހިކުރުމުގެ ޕްރޮގްރާމް ފަށާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ތިމާވެއްޓާ ރަށްޓެހި އާދަތަކަށް ޢާއްމުން ހޭލުންތެރިކުރުވުމަށާއި، ތަރައްޤީއާއެކު ގެއްލެމުންދާ ރާއްޖޭގެ ފެހިކަން އަލުން ދިރުވައި އާލާކުރުމާއި ރާއްޖޭގެ ރަށްތަށް ފެހިކުރުމުގައި ޢާއްމުންގެ ބައިވެރިވުން އިތުރު ކުރުވުމުގެ ގޮތުން ފެށި "ރަށްފެހި ޕްރޮގްރާމް" އިފްތިތާޙްކޮށްދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙެވެ. މި ޕްރޮގްރާމްގެ ދަށުން ހުޅުމާލޭ ނަރސަރީގައި މުޑުވަށްކޮށް 100 ރުކާއި 150 ގަސްވަނީ އިންދާފައެވެ.

"ރަށްފެހި ޕްރޮގްރާމް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ޑިރެކްޓަރ އޮފް ޕްލޭނިންގް އެންޑް އަރބަން ޑެވެލޮޕްމެންޓް އިސްމާއިލް ޝާން ރަޝީދު ވިދާޅުވީ، މިފަދަ ޤައުމީ ޙަރަކާތެއްގައި ބައިވެރިވުމުގެ ފުރުޞަތު އެ ކޯޕަރޭޝަނަށް ލިބުމުން އުފާކުރައްވާކަމަށާ އެ ކޯޕަރޭޝަނުން ހުޅުމާލެ ތަރައްޤީކުރުމުގައިވެސް ދެމެހެއްޓެނިވި ގޮތުގައި ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމަށެވެ. އެގޮތުން މި ސަރުކާރުން ތަރައްޤީގެ ޕްލޭންގެ ދަށުން ހުޅުމާލޭގެ ދަތުރުފަތުރުކުރުމުގެ ނިޒާމަކީވެސް ތިމާވެއްޓާއި ރައްޓިހި ނިޒާމަކަށް ހެދުމަށް މަސައްކަތްކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިފަދަ ޤައުމީ ޕްރޮގްރާމްއެއްގައި އެޗްޑީސީއިން ބައިވެރިވުމުގެ ފުރުޞަތު ލިބުމުން ވަރަށް އުފާވޭ. އަޅުގަނޑުމެން މި ސަރުކާރުން ތަރައްޤީގެ ޕްލޭންގެ ދަށުން ހުޅުމާލޭގެ ދަތުރުފަތުރުކުރުމުގެ ނިޒާމަކީވެސް ތިމާވެއްޓާ ރައްޓިހި ނިޒާމަކަށް ހެދުމަށް މި މަސައްކަތްކުރަނީ." އިސްމާއިލް ޝާން ރަޝީދު ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށުގައި ކުރިއަށްގެންދިޔަ މިޙަރަކާތުގައި ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޢާންމުން ބައިވެރިވެފައިވެއެވެ.

"ރަށްފެހި ޕްރޮގްރާމް" ގެ ދަށުން އެންމެ ބޮޑަށް ބާރުއަޅާނީ ރަށްރަށުގައި މިހާރުވެސް ހެދިފައިހުރި ރުށްގަސް އުފުރައިގެންގޮސް އެހެންތަނެއްގައި އިންދުމުގެ ބަދަލުގައި ގޮތްޕާއި، ނިރުފަދަތަކެތި ރޯކޮށްގެން އިންދުމަށްކަމަށް އެންވާރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ. މި ޕްރޮގްރާމް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަށާފައިވާއިރު، މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖޭގެ ރަށު ކައުންސިލްތަކުގެ އެހީއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ފަށާނެކަމަށް އެންވާރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.